ހައިކޯޓް

ހައިކޯޓުގެ ދެ ގޮފި އުވާލަން މަޖިލީހުން ފާސްކޮށްފި

Jun 28, 2022
1

ހައިކޯޓުގެ ގޮފިތައް އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލް މަޖިލީހުން ފާސްކުރީ ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ހައިކޯޓުގެ ދެ ގޮފި އުވާލުވުމުގެ އިތުރުން ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފު ކުރާ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭ ގޮތް ހެދުމާއި ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބަލައި ހުކުމްކުރުން ނިމުމަކަށް ގެނައުމާއި ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވުންވެސް ހިމެނެ އެވެ.

މީގެއިތުރުން މިއިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައިދީ އެކަންކަން ނިންމުން ވެސް ހިމެނެ އެވެ. އަދި ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުން ގޮސްފައިވާ ހުރިހާ މައްސަލަތައް މާލޭގެ ހައިކޯޓަށް ބަދަލުވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ ސ. ހުޅުމީދޫ ގައެވެ. އުތުރުގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 16، 2015 ވަނަ ދުވަހުން ފެށިގެންނެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބަލަނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައިކޯޓުގެ އުތުރުގޮފި ހުޅުވުނީ އޮކްޓޯބަރު 22، 2018 ގައެވެ. ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ އަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.