ހަބަރު

ސުޕްރީމް ކޯޓަށް ރައޫފް އައްޔަން ކުރާކަށް ނުފެނޭ: ޖޭއެސްސީ

ސުޕްރީމް ކޯޓަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ލަފާ އަރުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ފަނޑިޔާރު ރައޫފްގެ ނަން ނޮމިނޭޓް ކުރެއްވީ ރައީސް ސޯލިހެވެ. އޭގެ ފަހުން އޭނާއާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނެވެ. އެކަމާ ގުޅިގެން އޭނާ އައްޔަން ކުރުމުގެ މަސައްކަތް މަޑުޖައްސައި ސުލޫކީ މައްސަލާގެ ތަހުގީގު ޖޭއެސްސީއިން ފެށި އެވެ.

މިއަދު ޖޭއެސްސީއިން ބުނީ ފަނޑިޔާރު ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ޖޭއެސްސީއަށް ނުފެންނަ ކަމަށެވެ.

ފަނޑިޔާރު ރައޫފްއާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާއަކީ ގާކޮށިން ފްލެޓް ހޯއްދެވި މައްސަލައެކެވެ. އެ ޝަކުވާގައި ބުނެފައިވަނީ އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.

މި ތުހުމަތުތައް ފަނޑިޔާރު ރައޫފަށް އަމާޒުވެފައިވާއިރު، އޭނާގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ބުނެ ރައީސް ސޯލިހަށް ވެސް އަމިއްލަ ފަރާތަކުން ސިޓީއެއް ފޮނުވާފައިވެ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރު ރައޫފް ބައިވެރިވެލައްވާފައިވާއިރު، އޭގައި ނުބައި ނިޔަތެއް އޮވެދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސްގެ ސަމާލު ކަމަށް އެކަން ގެނެސްފައިވެ އެވެ.