ހަބަރު

ފްލެޓް ހޯދުމަށް ރައޫފް ސިޔާސީ މީހަކާ ބައްދަލެއް ނުކުރޭ: ހައިކޯޓު

ފްލެޓެއް ހޯއްދެވުމަށް، ނުވަތަ އެ ނޫންވެސް އެހެން އެއްވެސް ބާވަތެއްގެ މަންފާއެއް ހޯއްދެވުމަށް، ސިޔާސީ އެއްވެސް ފަރާތަކާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އެއްވެސް އިރަކު ބައްދަލުކުރައްވާފައިނުވާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން ފަނޑިޔާރު ރައޫފް ދިފާއު ކުރައްވައި މިހެން ބުނީ އޭނާއާ ގުޅޭ މައްސަލައެއް އަމިއްލަ ފަރާތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމުންނެވެ.

އަމިއްލަ މީހަކު ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ފަނޑިޔާރު ރައޫފް ގާކޮށިން ފްލެޓް ހޯއްދެވި މައްސަލައެކެވެ. އެ ޝަކުވާގައި ބުނެފައިވަނީ އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ރައޫފްއާ ހަވާލާދީ، ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް އަވަސްއަށް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއިުގެ ދަށުން، ދައުލަތުގެ އެކިއެކި އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ބައްލަވައިގަތުމަށް ދެވުނު ފުރުސަތުގެ ތެރެއިން ފަނޑިޔާރު ރައޫފަށް ވެސް ފްލެޓް ބައްލަވައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.

އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ ކުރިއްސުރެވެސް ފަނޑިޔާރުންނަށް ދެއްވާފައިވާ ފުރުސަތެއް ކަމަށާއި އެގޮތުން، ސިނަމާލެ ފްލެޓް 1، އަދި 2 ގެ އިތުރުން ރެހެންދި ފްލެޓާއި އަދި ގާކޮށިންވެސް ފަނޑިޔާރުންނަށް ފްލެޓް ބައްލަވައިގަތުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށް ފަނޑިޔާރު ރައޫފްއާ ހަވާލާދީ އަމީން ފައިސަލް ވިދާޅުވި އެވެ.

އަމީން ފައިސަލް ވިދާޅުވި ގޮތުގައި ޖުޑިޝަރީއަށް ހާއްސަކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، ފަސް ފްލެޓެއް ދޫކުރުމުގު މަސައްކަތް މިހާރުވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރައްވަމުންނެވެ.

"ފަނޑިޔާރު ރައޫފަކީ، މިހާތަނަށް އައިއިރުވެސް އެ ފަނޑިޔާރަކާއި ގުޅޭ ގޮތުން އެއްވެސް މުއައްސަސާއަކަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައިވާ ފަނޑިޔާރެއް ނޫން، އަދި ފަނޑިޔާރު ރައޫފްގެ އިންޓަގްރިޓީއާއި މެދު އެއްވެސް ފަރާތަކުން މިހާތަނަށް ސުވާލެއް އުފައްދަވާފައި ނުވާއިރު، ފަނޑިޔާރު ރައޫފްގެ ނަންފުޅަށް ހުތުރުވާ ގޮތަށް ހަގީގަތާއި ހިލާފު ހަބަރުތައް ނުފެތުރެއްވުމަށް އެދެން،" ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް އަމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަނޑިޔާރު ރައޫފްގެ ނަން ފޮނުއްވުމާއެކު ފަނޑިޔާރު ރައޫފް ވަނީ ޖޭއެސްސީގައި އޭނާ ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތަކުން އެކަހެރިވެފަ އެވެ. އަދި އާދިއްތަ ދުވަހުގެ އޮފީސް ހުޅުވުމާއި އެކު ފަނޑިޔާރު ރައޫފް ވަނީ ޖޭއެސްސީގެ މެންބަރުން ކަމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައެވެ.

ފަނޑިޔާރު ރައޫފާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ބެލުމާމެދު އެ ކޮމިޝަނުން ގޮތެއް ކަނޑައެޅި ކަމެއް އަދި އެނގިފައެއް ނުވެ އެވެ. އާންމު ގޮތެއްގައި ޖޭއެސްސީއިން އަމަލު ކުރާ ގޮތުންނަމަ، ފަނޑިޔާރަކަށް އައްޔަންކުރާ ފަރާތަކާމެދު ޝަކުވާއެއް ހުށަހަޅައިފައިވާނަމަ އެ މައްސަލައެއް ބަލާ ނިންމުމަށްފަހު ނޫނީ އޭނާއަށް މަގާމު ދިނުމާމެދު ގޮތެއް ނުނިންމަ އެވެ. މިކަމުގައި ޖޭއެސްސީއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، ފަނޑިޔާރު ރައޫފްގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ބުނެ ރައީސް ސޯލިހަށް ވެސް އަމިއްލަ ފަރާތަކުން ސިޓީއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރު ރައޫފް ބައިވެރިވެލައްވާފައިވާއިރު، އޭގައި ނުބައި ނިޔަތެއް އޮވެދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސްގެ ސަމާލު ކަމަށް އެކަން ގެނެސްފައިވެ އެވެ.

ފަނޑިޔާރު ރައޫފްގެ ނަން ރައީސް ސޯލިހު ފޮނުއްވީ މިހާރު ސުޕްރީމް ކޯޓުން ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަން ކުރުމަށް ލަފާ ހޯދުމަށެވެ. ޖޭއެސްސީއިން އޭނާއާ އިންޓަވިއުކޮށް ރައީސް ސޯލިހަށް ލަފާ އަރުވާނެ އެވެ.

ސުޕްރީމް ކޯޓުން ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދާއި ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަގާމެވެ. މި ތިން ފަނޑިޔާރުންގެ މައްސަލަތައް ވެސް ޖޭއެސްސީއިން ބެލި އެވެ.

އެގޮތުން ފަނޑިޔާރު ދީދީ އާއި ފަނޑިޔާރު އާދަމް ވަކިކޮށްފައިވަނީ ޖޭއެސްސީއިން އެގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. ފަނޑިޔާރު އަރީފް އަމިއްލައަށް ރިޓަޔާ ކުރެއްވީ އެވެ. މި ތިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ވެސް ފަނޑިޔާރު ރައޫފް ހަރަކާތްތެރިވެފައިވެ އެވެ.