ހަބަރު

ފަނޑިޔާރު ރައޫފްގެ މައްސަލަ ބަލަނީ

ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ނިންމައިފި އެވެ.

ފަނޑިޔާރު ރައޫފްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށްޓަކައި ޖޭއެސްސީއަށް ފޮނުވާފަ އެވެ. ނަމަވެސް އެ ނަން ފޮނުވުމާއެކު އޭނާއާ ގުޅޭ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ.

އަމިއްލަ މީހަކު ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ފަނޑިޔާރު ރައޫފް ގާކޮށިން ފްލެޓް ހޯއްދެވި މައްސަލައެކެވެ. އެ ޝަކުވާގައި ބުނެފައިވަނީ އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.

ފަނޑިޔާރު ރައޫފް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އޭނާއާ ހަވާލާދީ ހައިކޯޓުން ބުނެފައިވަނީ ފްލެޓެއް ހޯދުމަށް ސިޔާސީ އެއްވެސް ފަރާތަކާ ފަނޑިޔާރު ބައްދަލުކުރައްވާފައިނުވާ ކަމަށެވެ.

ޖޭއެސްސީއިން މިރޭ ވަނީ ފަނޑިޔާރު ރައޫފްއާއެކު ރައީސް ސޯލިހު ފޮނުއްވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުގެ ނަމަށް ތާއިދުކޮށްފަ އެވެ. ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ އެރުވީ ސުއޫދަކީ ސުޕްރީމް ކޯޓު ފަމޑިޔާރު ކަމަށް "ހައިލީ ރިކޮމެންޑެޑް" ބޭފުޅެއް ކަމަށެވެ.

އެ ނަން ރިކޮމެންޑް ކުރުމަށްފަހު ޖޭއެސްސީއިން ނިންމީ ފަނޑިޔާރު ރައޫފާމެދު ގޮތެއް ކަނޑައަޅާނީ އެ މައްސަލަ ބެލުމަށްފަހު ކަމަށް ޖޭއެސްސީއިން މިރޭ ވަނީ ނިންމާފަ އެވެ. ރައޫފަކީ ހައިކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނެވި ފަނޑިޔާރެވެ. ނަމަވެސް މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.