ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާނާ ގުޅުންހުރި މައްސަލައެއް ބައްލަވައިދެއްވުން އެދިވަޑައިގެން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ޑިޕާޓްމަންޓް އޮފް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޑީޖޭއޭ އަށް މައްސަލަ ހުށަހަޅުއްވާފައި މިވަނީ ހައިކޯޓުގެ އިދާރީ ބޭފުޅަކަށް އޭނާ ކުރެއްވި ކަމަށް ބުނާ މެސެޖުތަކެއް ޝުޖާއު އުސްމާން ސޯޝަލް މީޑިއާގައި އާންމުކުރައްވާފައި ވަނިކޮށެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ އަށް އެޑްރެސް ކުރައްވާ ނާޒިމް ފޮނުއްވާފައިވާ ސިޓީގައި ވަނީ ޝުޖާއު އާންމުކުރައްވާފައިވާ މެސެޖުތަކުގެ މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ.
ނާޒިމް މިއަދު އަވަސް އަށް ވިދާޅުވީ ފަނޑިޔާރުން ބަދަލުކުރުމާއި ވަކި ފަނޑިޔާރަކާ މެދު ހިތްހަމަނުޖެހޭނަމަ އެކަމެއް ދެންނެވުމަކީ ހިނގާ ކަމެއް ކަމަށެވެ. އެ އުސޫލުން އޭނާ އަށް ވެސް އެކަމުގައި ދެންނެވިދާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު އެދިފައި އޮންނާނީ ޝުޖާއުގެ މައްސަލަ ބަލައިދޭކަށް ނޫން. މެސެޖުތައް އާންމުވެގެން ދިޔަ ގޮތެއް ބަލަން ހުށަހެޅީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ފޮނުއްވި ކަމަށް ބުނާ މެސެޖުގައި ވަނީ އޭނާ ވަކާލާތު ކުރައްވާ މައްސަލައެއްގެ އިސްތިއުނާފް ދެ ދުވަސް ތެރޭ ލިބޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އަދި މިފަހަރު މި މައްސަލަ ފަނޑިޔާރު ޝަހީދު / ފަނޑިޔާރު ފައިސަލަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އެ މެސެޖުތަކުގެ ސްކްރީންޝޮޓްތައް ޝުޖާއު ސޯޝަލް މީޑިއާގައި އާންމުކުރެއްވީ އެއީ މައްސަލަތަކަށް ނުފޫޒު ފޯރުއްވުމަށް ނާޒިމް ކުރައްވާ ކަމެއް ކަމަށް ތުހުމަތުކުރެއްވުމަށްފަހު އެވެ.
ޝުޖާއު އުސްމާން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް އޭނާގެ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޝުޖާއު ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވީ ފަނޑިޔާރުންގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށް ތުހުމަތުކުރެއްވުމަށްފަހު އެވެ.