ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް ތަރައްގީކުރަން ހަނިމާދޫ ކައުންސިލުން މަޝްވަރާއަށް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރޭ ހާމަ ކުރެއްވި މައުލޫމާތުތަކާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ސަރުކާރާއެކު މަޝްވަރާތައް ފަށައިފި އެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާއި ގުޅިގެން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންނާ މަޝްވަރާ ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން މިނިސްޓަރު ފައްޔާޒު ރޭ ދެއްކެވި ވާހަކަފުޅު. މިނިސްޓަރު ވިދާޅުވި ގޮތަށް ތަރައްގީ ކުރެވިއްޖެނަމަ މި ސަރަހައްދަށް ހަގީގަތުގައި ވެސް އިގްތިސޯދީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ. ނަމަވެސް ގިނަ ބަޔަކާ މަޝްވަރާކުރަން ޖެހޭ ކަމެއް ވީމަ އަދި މިކަމަށް އަދި ވަގުތުކޮޅެއް އެބަ ބޭނުންވޭ،" ސައްތާރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު ރޭ ވިދާޅުވީ ހަނިމާދޫ ކައުންސިލުން ދެކޮޅު ހަދާނަމަ ހަނިމާދޫ އެއާޕޯޓުގެ ތަރައްގީ ކުުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދަވާނެ ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްގީ ކޮށްފިނަމަ ހަނިމާދޫ ހިމެނޭ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ ތެރެއިން ރަސްމީ ތިން އެއާޕޯޓްގެ ތެރޭގައި ހަނިމާދޫ ހިމަނާ އެ އެއާޕޯޓް ތަރައްގީ ކުރުން ކަމަށެވެ. އެ މަސައްކަތަށް އިތުރު ބިން ބޭނުންވާ ކަމަށާ އެހެންވެ މިހާރު ނަގަން ނިންމާފައިވާ 853،937 އަކަފޫޓްގެ ބިމަކީ އެއާޕޯޓްގެ ތަރައްގީއަށް ވަރަށް މުހިއްމު ބިމެއް ކަމަށެވެ. ނަމަވެސް އެ ބިން ނެގުމާ ދެކޮޅަށް ހަނިމާދޫ ބައެއް ރައްޔިތުން ދަނީ ގެންދަނީ އަޑުއުފުލަމުންނެވެ.

ހަނިމާދޫން ނަގާ ބިމުގެ އެއްބަޔަކީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބޭނުންވާ ބިން ކަމަށާއި އަދި ބާކީ ބިން ބޭނުންކުރަނީ ޅ. މާފިލާފުށީގައި ހިންގާ ނޮދަން އޭރިއާގެ ކޮމާންޑް ސެންޓަރު ހަނިމާދޫ އަށް ބަދަލުކުރަން ބޭނުންވާތީ އެ މަސައްކަތަށް ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޮޑު ބިމެއް ނެގުމަށް ސަރުކާރުން ހަނިމާދޫ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން އެކަމާ ދެކޮޅަށް އެރަށުގައި ދަނީ ޕެޓިޝަނެއް ތައްޔާރުކޮށް ސަރުކާރަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.