ރައްޔިތުންގެ މަޖިލިސް

ހިސާން ހުށަހެޅުއްވީ ދީނާ ދެކޮޅު ބިލެއް ނޫން: އެމްޑީޕީ މެމްބަރުން

މުސްލިމަކާ ދިމާއަށް ލާދީނީ މީހެކޭ ބުނުން ކުށަކަށް ހަދަން ހުށަހެޅި ބިލަކީ ދީނާ ދެކޮޅު ބިލެއް ނޫން ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލްގެ ބަހުސްގައި ވާހަކަދެއްކެވި އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ އެ ބިލުގެ ބޭނުމަކީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.

ބިލްގެ ބަހުސްގައި ހިސާން ވިދާޅުވީ ނަފުތަރުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުން ކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި އެފަދަ ބަސްތައް ބޭނުންކޮށް އެތައް ބައެއްގެ ލޭ ހުއްދަކޮށް ގާނޫނުގެ ބޭރުން މީހުން މަރަން ގޮވާލަމުންދާ ކަމަށްވެސް ހިސާން ތުހުމަތު ކުރެއްވި އެވެ. ބިލް ހުށަހެޅުއްވީ ދީނީ ވިސްނުމަކުން ކަމަށާއި ބޭނުމަކީ ދީނުގެ އަގީދާއާ ގުޅުވައިގެން ހިންގާ ޖަރީމާތައް ހުއްޓުވުން ކަމުގައި ވެސް ވިދާޅުވި އެވެ.

ބިލް ދިފާއުކުރައްވާ ހިސާން ވާހަކަދެއްކެވި ނަމަވެސް ބިލް މިހާރު އޮތް ގޮތުން މަޖިލީހުން ބިލް ފާސްކޮށްފިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބިލަށް ބަހުސް ކުރެއްވި އިދިކޮޅު ޕީޕީއެމް / ޕީއެންސީ އަދި މިނިވަން ބައެއް މެމްބަރުން ވިދާޅުވި އެވެ.

ބިލްގެ ބަހުސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ބިލް މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ އިސްލާމް ދީނުގެ ދިފާއުގައި ނިކުންނަ ކޮންމެ މީހަކު ޖަލށް ދާން ޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމީ ހަޟާރަތު ފަތުރަން މީހުން ޖެހިލުންވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

އާދަމް ޝަރީފް ތުހުމަތުކުރެއްވި ގޮތުގައި އެ ބިލަކީ ބޭރު ބައެއްގެ ނުފޫޒުގައި ސެކިއުލާ ވިސްނުމެއްގެ ތެެރެއިން ހުށަހެޅި ބިލެކެވެ. އަދި ބޭނުމަކީ އިސްލާމީ ތަރުބިއްޔަތަށް ހުރަސް އަޅުމެވެ.

އެކަމަކު އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމު (ދޮންބިލެތް) އެ ވާހަކަަތައް ގަބޫލެއް ނުކުރައްވަ އެވެ. ހަލީމް ވިދާޅުވީ ބިލުގެ މަގުސަދާއި މަފްހޫމް އާދަމް ޝަރީފް މުޅިން އޮޅުވާލެއްވި ކަމަށެވެ.

"މި ބިލު ފާސްވެގެން ދިޔަޔަސް އިސްލާމް ދީނަށް ކުޑައިމީސްކޮށް ކަނޑައެޅިގެން ﷲއާއި ރަސޫލާއަށް ފުރައްސާރަކޮށް ޖޯކުޖަހާ މިބާވަތުގެ ކަންކަން ކުރާ މީހުންނަށް ލާދީނީއޭވެސް ގޮވޭނެ. އަދި ދިމާލަށްވެސް އެ ވާހަކަ ދެއްކޭނެ. އެމީހަކު ކުށްވެރިވެސް ނުވާނެ،" ހަލީމު ވިދާޅުވި އެވެ.

ބިލުގެ ބަހުސްގައި އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ބިލުގެ ބޭނުމަކީ އެއްވެސް އަސްލެއް ނެތި މީހުންނާ މެދު ނަފުތަރު އުފެއްދުން ހުއްޓުވުމާއި މީހުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުން ހުއްޓުވުން ކަމަށެވެ.

"މީހުންގެ ކަރުބުރިކުރަން ގޮވުމަކީ ދީނީ ވައުޒެއް ނޫން. އެކަން މި ހުއްޓުވަނީ. އެއީ ފަހަރެއްގައިވެސް އިސްލާމްދީނަށް ލިބޭ ނަސްރެއް ނޫން. މުސްލިމުންގެ ކަރުބުރިކުރަން ގޮވުމަކީ ހަޟާރަތް ދިރުވުމެއް ނޫން. އެކަން މިހުއްޓުވަނީ. ކަރުބުރިކުރުމުގެ ކަންކަން މިހުއްޓުވަނީ." ޝިފާއު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސިފަކުރެއްވި ގޮތުގައި ހިސާން ހުށަހެޅުއްވި ބިލަކީ ލާދީނިއްޔަތަށް ޖާގަދިނުމުގެ ގޮތުން ގެނައި ޔަހޫދީ ބިލެކެވެ. އެގޮތުން ދީނީ އިލްމުވެރިންނަށް ކަންކަން އޮންނަ ގޮތް ބުނެދިނުމަށް ބިލް މިހާރު އޮތް ގޮތުގެ ސަބަބުން ހުރަސް އެޅިގެންދާނެމކަމުގެ ކަންބޮޑުވުން ވެސް ސައީދު ފާޅުކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި ބިލާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ގެންދެވި މެންބަރުންގެ ވާހަކަތަކަށް ހުރަސް އެޅޭ ގޮތަށް މެންބަރު ހަލީމާއި މެންބަރު ޝިފާއު ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވާފައިވެ އެވެ. އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މެމްބަރުންނަށް ހުރަސް އަޅާކަމުގެ ތުހުމަތު ވެސް ބައެއް މެމްބަރުން ކުރައްވާފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް އަފީފް ދޮގުކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ބިލަކީ ދީނާ ހިލާފު ބިލެއް ނޫން ކަމަށާއި އެހެންކަމުން ބިލުގެ މާނަ އޮޅޭ ގޮތުން މެމްބަރުން ވާހަކަދެއްކުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ހިސާން ބިލް ހުށަހެޅުއްވީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށެވެ. ސަރުކާރުން ސްޕޮންސާ ކޮށްގެން ހިސާން ހުށަހެޅުއްވި މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.