ރައީސް މުހައްމަދު ނަޝީދު

ނަޝީދު ބޭނުންވަނީ "ހިސާން ބިލް" ފުރަތަމަ އޮތް ގޮތަށް ފާސްކުރަން

ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ "ހިސާން ބިލް" ފާސްކުރަން ބޭނުންވަނީ އެންމެ ފުރަތަމަ ބިލް ހުށައެޅި އޮތް ގޮތަށް ކަމަށް ވިދާޅުވެ އެ ބިލް ފާސްކޮށްދޭން އެދި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމުމެއް ނިންމައިދިނުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގައި އޮތް "ހިސާން ބިލް" ފާސްކުރަން ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. އަދި އެ ބިލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތާއީދު ނުކުރާނަމަ، އެކުގައި ނުވެވޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު މިއަދު ވަނީ އެ ބިލް ފުރަތަމަ ހުށައެޅިއިރު އޮތް ގޮތަށް ފާސްކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ޕްރެޝަރު ކުރެއްވުމުގެ ގޮތުން އެ ބިލް ފުރަތަމަ އޮތް ގޮތަަށް ފާސްކުރަން ބޭނުންވާ ކަމަށް ގައުމީ މަޖިލީހުން ނިންމުމެއް ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. ނަޝީދު ވިދާޅުވީ އެ ހުށައެޅުއްވުން އެގޮތަށް ހުށައަޅުއްވާ ކަމަަށެވެ.

ނަޝީދުގެ އެ ހުށައެޅުއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދެކޮޅު ހެއްދެވިއެވެ. ވިދާޅުވީ މަޖިލީހަށް އެފަދައިން ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

ޝަރީފްގެ ވާހަކަތަކަށް ނަޝީދުވެސް ރައްދު ދެއްވިއެވެ. ވިދާޅުވީ ޝަރީފުގެ ނިންމުމާމެދު އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން ގޮތް ނިންމާނެ ކަމަަށެވެ.

އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކުންވެސް ދެކޮޅު ހަދާ އެ ބިލްގެ ކޮމެޓީ މަރުހަލާ މިހާރު އޮތީ ނިމިފައެވެ. 100 ވުރެ ގިނަ ކައުންސިލުންވެސް އެ ބިލާ ދެކޮޅަށް ބަޔާން ނެރެފައިވާއިރު ބިލަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. ޕްރެޝަރު ބޮޑުވުމުން ބިލް ފާސްނުކޮށް އަލުން ވަނީ ކޮމެޓީއަށް ފޮނުވާލާފައެވެ.