އެމްޑީޕީ

އެމްޑީޕީ ވެރިކަމެއް ނަމަ އަނދިރި ދައުލަތް ހަރަކާތްތެރިވޭ: ޝިފާއު

އެމްޑީޕީގެ ވެރިކަމެއް އޮންނަ ކޮންމެ ފަހަރަކު އަނދިރި ދައުލަތް ފާޅުވާ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ޝިފާއު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަަރަކު ހަަރުކަށި ފިކުރުގެ މީހުން އިތުރުވެ އަނދިރި ދައުލަތް ހަރަކާތްތެރި ވަނީ ސަބަބެއް ނެތި ނޫން ކަމަށެވެ.

އެގޮތަށް ދިމާވަނީ އެއް އިރެއްގައިވެސް އެމްޑީޕީ އަކީ ހަރުކަށި ފިކުރަށް ތާއިދުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދޭ ޕާޓީ އަކަށް ނުވާތީ ކަމަށްވެސް ޝިފާއު ވިދާޅުވި އެވެ.

"އެކަންކަމަކީ ހިތާއި ރޫހުން ކުށްވެރިކުރާ ކަމެއް. އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވަނީ އިސްލާމް ދީނުގެ މަތިވެރި ހުދޫދުތައް. އެ މިންގަޑުތައް. އެ މިންގަނޑުތައް ކަށަވަރުކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އަޅުގަނޑުމެން ފަހަކަށް ނުޖެހޭނެ. އެނގޭ އަޅުގަނޑުމެންނަށް ބިރު ދައްކާނެކަން. މިވާހަކަތައް މިގޮތަށް ދެއްކީމަ މަރާލާނެކަމުގެ އިންޒާރުގެ މެސެޖުތައް ފޭސްބުކުން އަންނާނެ،" ޝިފާއު ވިދާޅުވި އެެވެ.

މިއަދުގެ ބަހުސްގައި މެންބަރު ހިސާން ވެސް ވިދާޅުވީ ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިދިޔަ މަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އޮތީ އަނދިރި ދައުލަތެވެ.

ހިސާންގެ ބިލުގައި ނަފްރަތު އުފެއްދުން ކުށަކަަށް ހަދަން ހުށަހަޅި އިރު އޭނާގެ ނަޒަރުގައި ނަފްތަރުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުންކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގަ އެވެ. ހަމަ އެހެންމެ އެތައް ބައެއްގެ ލޭ ހުއްދަކޮށް ގާނޫނުގެ ބޭރުން މީހުން މަރަން ވެސް އެފަދަ ނުރައްކާތެރި ބަސްތައް ބޭނުންކުރެ އެވެ.