މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި އެެވެ
ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.
ހިސާން ބިލް އިތުރަށް ދިރާސާކުރަން މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ބިލު ހުށަހަޅުއްވަމުން ހިސާން މިއަދު ވިދާޅުވީ ނަފުތަރުގެ ބަސްތައް މިފަހުން އާންމުކޮށް ބޭނުން ކުރަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ކަަަމަށާއި އެތައް ބައެއްގެ ލޭ ހުއްދަ ކޮށް ގާނޫނުގެ ބޭރުން މީހުން މަރަން އެފަދަ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށެވެ.
ބިލާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަދި މިނިވަން މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހާއްސަކޮށް ދީނީ އިލްމުވެރިންނަށް ކަންކަން އޮންނަ ގޮތް ބުނެދިނުމަށް ވެސް ބިލުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. ނަމަވެސް ދީނީ ނަސޭހަތް ދިނުމަށް ހުރަސްއުޅޭ ގޮތަށް ބިލުގައި މަނާކުރެވޭނަމަ ކޮމިޓީގެ މަރުހަލާގައި އެކަން އިސްލާހުކުރުމަށް ހިސާން އެދިވަޑައިގެންނެވި އެވެ.
ބިލާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން އޮތް އޮތުމެވެ. އެހެންކަމުން ކޮމެޓީ މަރުހަލާގައި އެބައި އުނިކުރަން މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ.