ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދިވެހި ކުންފުންޏަކުން ހިންގާ ފްލެޓް އެޅުމުގެ އެންމެ ބޮޑު މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރާ 1000 ހައުސިން ޔުނިޓް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.
މި ޕްރޮޖެކްޓަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޕޯލޯ ކުންފުންޏާއި އެކު ސޮއިކޮށްފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ފަށައިފައިވީ ނަމަވެސް ރަސްމީކޮށް އިފްތިތާހު ކުރީ މިއަދު އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ހައުސިން ޔުނިޓްތައް އަޅަނީ ތިން ކެޓެގެރީއަކަށް ބަހާލައިގެންނެވެ. އެއީ ކައުންސިލް ހައުސިން، މިޑްރޭންޖް ހައުސިން އަދި އެފޯޑެބަލް ހައުސިން އެވެ.
ކައުސިލް ހައުސިންގެ ދަށުން އަޅާނީ 120 ހައުސިން ޔުނިޓެވެ. މި ޔުނިޓްތަކުގައި ތަރައްގީކުރާ ދެ ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ. ތިން ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 800 އަކަފޫޓެވެ. އެފޯޑެބަލް ހައުސިންގެ ދަށުން އަޅާނީ 220 ޔުނިޓެވެ. މި ކެޓަގަރީގެ ދެ ކޮޓަރީގެ ފްލެޓްތަކުގައި 650 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެ އެވެ. މީގެ އިތުރުން މިޑްރޭންޖް ކެޓެގަރީގެ ދަށުން އަޅާ ދެ ކޮޓަރީގެ ފްލެޓްތަކުގައި 750 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 1000 އަކަފުޓޫ ހުންނާނެ އެވެ. މި ކެޓެގަރީގެ ދަށުން އަޅާނީ 660 ޔުނިޓެވެ.
މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ މި ފްލެޓްތަކަކީ އެކި ގިންތީގެ މީހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކެއް ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް ފްލެޓް އަޅަނީ އެއްތައްގަނޑަކަށް އެންމެންނަށް އެއް އަގެއް ދައްކަން ޖެހޭ ގޮތަށް ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އެންމެ ފެންވަރު ދަށް މީހާ އަށް ވެސް ފްލެޓް ގަތުމުގެ ގާބިލުކަން ހޯދައިދެވޭ ގޮތަށް ކަމަށެވެ. މިއީ އެކި ފަރާތްތަކާ މަޝްވަރާކުރެވި އަދި ރައްޔިތުންގެ އާމްދަނީ އަށް ބަލާފައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް ވިދާޅުވި އެވެ.
"100 ޕަސެންޓް ދިވެހި ކުންފުންޏަކުން މިވަރުގެ މަސައްކަތަކަށް ކުރިމަތި ލެއްވީތީ ވަރަށް ބޮޑަށް އުފާކުރަން. މި މަޝްރޫއު ކުރިއަށް މިގެންދަނީ ސަރުކާރުން ލޯނު ނަގައިގެން ސޮވެރިން ގެރެންޓީއެއް ބަހައްޓައިގެނެއް ނޫން. އެޕޯލޯއިން މި ޕްރޮޖެކްޓަށް ފަންޑުކުރަނީ. ސަރުކާރުން ކުރި ކަމަކީ ކައުންސިލް ހައުސިންނާ އެފޯޑަބަލް ހައުސިން ކެޓެގަރީއަށް ބެކް ގެރެންޓީއެއް ދިނީ. އެއީ އެތަންތަން އެޅުނީމަ އެތަންތަން ގަންނާނެ ބަޔަކު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނީ" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިޑްރޭންޖް ހައުސިން ޔުނިޓްތަކުގެ އަގެއްގެ ގޮތުގައި ދެ ފަރާތުން މަޝްވަރާކުރުމަށްފަހު ކަނޑައަޅާފައި ވާނީ 2400ރ. އަށް ވުރެ ބޮޑު ނުވާނެ އަދަދެއް ކަމަށެވެ. އިތުރަށް ވިދާޅުވީ މިހާރު އެއް ޓަވަރުގެ އަސްލު ފައުންޑޭޝަން އަޅާ ނިމިފައިވާ ކަމަށާއި މިއަދު ކޮންކްރީޓް އެޅުމަށްފަހު ދެން ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މިއަހަރު ނިމެންވާއިރަށް މި ޓަވަރުގެ 20 ޕަސެންޓް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ދެން ހުރި ޓަވަރުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.