ކްރޮސް ރޯޑް މޯލްޑިވްސް

ރާއްޖޭގައި ރިސޯޓް ހިންގާ ހާޑްރޮކް ބްރޭންޑް އެމްބެސެޑަރަކަށް މެސީ

Jun 15, 2021

އެނބޫދޫފަޅުގައި ރިސޯޓް ހިންގާ ހާޑްރޮކް އިންޓަނޭޝަނަލް (އެޗްއާރްއައި)ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ ހަމަޖައްސައިފި އެވެ.

ހާޑްރޮކް އިންޓަނޭޝަނަލް ހޮޓެލް އަށް ބައިގަރުނު ފުރުން ފާހަގަކުރަން ފަށާ އަހަރު ފާހަގަކުރުމުގެ ގޮތުން، ބާސާ އަށް ކުޅޭ ދުނިޔޭގެ އެންމެ އަގު ބޮޑު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ މެސީ އެ ބްރޭންޑު އެމްބެސެޑަރުގެ ގޮތުގައި އައްޔަން ކުރިކަން އެ ކުންފުނިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އެނބޫދޫ ލެގޫން ހިއްކައިގެން ހަދާފައިވާ "ކްރޮސްރޯޑް މޯލްޑިވްސް"ގައި ހިންގާ ހާޑްރޮކް ހޮޓެލް އިން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް މެސީއާ އެކު ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ތަފާތު ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ.

ހާޑްރޮކް އޮންލައިން ޝޮޕްގައި މެސީގެ ނަމާއި އޭނާ ސޮއިކޮށްފައިވާ ތަކެތި މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. މި ތަކެތީގެ ތެރޭގައި ހާޑްރޮކް ހޮޓަލްގެ ކްލެސިކް ޓީޝާޓުތަކާއި ބައެއް އެހެން އިކްއިޕްމަންޓްވެސް ހިމެނެ އެވެ.

ހާޑްރޮކް އިންޓަނޭޝަނަލްގެ ޗެއާމަން ޖިމް އެލަން ވިދާޅުވީ އެ ކުންފުނީގެ ހިދުމަތް ދުނިޔޭގެ 68 ގައުމެއްގައި މިހާރު ލިބެމުންދާ ކަމަށެވެ. އަދި އެ ބްރޭންޑުގެ "ރޮކް ސްޓާއެއްގެ" ގޮތުގައި މެސީ ހަމަޖެހުމާ ގުޅިގެން އެ ބްރޭންޑުގެ ކަސްޓަމަރުން ހައިރާންވާން ފަދަ އެތައް ކަމެއް ފެނިގެންދާނެ ކަމަށެވެ.

ދުނިޔޭގެ 76 ގައުމެއްގައި ހާޑްރޮކްގެ 262 އައުޓްލެޓެއް ހުންނަ އިރު، ރާއްޖޭގައި ހާޑްރޮކްގެ ފިހާރައަކާއި، ކެފޭގެ އިތުރުން މެރީނާއެއް ވެސް ހުރެ އެވެ. މިތަނަކީ ރާއްޖޭގެ ޓޫރިޒަމްގެ ބައި ގަރުނުގެ ތާރީހުގައި އެއް ތަނަކުން ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ހުޅުވި ހަމައެކަނި އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެވެ.