ޓޫރިޒަމް

އެނބޫދޫ ފަޅުގައި ހަދާ އެސްއޯ ހޮޓެލްގެ ރިސޯޓު ނޮވެމްބަރުގައި ހުޅުވަނީ

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަޝްހޫރު އެކޯ ހޮޓެލްސްގެ، އެނބޫދޫ ފަޅުގައި ހަދާ "އެސްއޯ މޯލްޑިވްސް" ރިސޯޓު އަންނަ ނޮވެމްބަރު މަހު ހުޅުވުމަށް ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެކޯ ހޮޓެލްސް އިން ރާއްޖޭގެ އެނބޫދޫ ފަޅުގައި ރިސޯޓެއް ހެދުމަށް އެ ކުންފުނީގެ ލައިފް ސްޓައިލް ބްރޭންޑް "އެސް ހޮޓެލްސް" އާއި އެނބޫދު ފަޅު ތަރައްގީ ކުރާ ތައިލެންޑުގެ ޕަބްލިކް ކުންފުންޏެއް ކަމަށްވާ ސިންހަ އެސްޓޭޓްގެ އެސް ކުންފުންޏާ ދެމެދު އެއްބަސްވުމެއް ކުރިން ހަދާފައިވެ އެވެ.

މި ރިސޯޓުގައި ޖުމްލަ 80 ވިލާ ހުންނާނެ އެވެ. މީގެތެރޭގައި މޫދު ވިލާގެ އިތުރުން ބީޗުވިލާތައް ވެސް ހުންނާނެ އެވެ. އަދި އާއިލާތަކަށް ހާއްސަ ވިލާ އާއި ތިން ކޮޓަރީގެ ވިލާތައް ވެސް ހިމެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބު ދުރުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަށް 60 މިލިއަން ޑޮލަރު -- 925 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެކޯ ހޮޓެލްސްއަކީ 110 ގައުމެއްގައި 5,100 ޕްރޮޕަޓީ ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި 10،000 ފުޑް އެންޑް ބެވަރޭޖަސް ހިދުމަތްދޭ ތަންތަން ވެސް ހިންގަ އެވެ.

އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި "ކްރޮސްރޯޑް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާފައިވަނީ "މިއުޒިކީ ފުށި - ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ.