"ވިނަރެސް" މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް އަންނަ މަހުގެ ތެރޭގައި ވިއްކަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ އެޕޯލޯ ކުންފުނީގެ 1000 ހައުސިން ޔުނިޓްގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސުހައިލް ވިދާޅުވީ ވިނަރެސް ހައުސިން ޕްރޮޖެކްޓްގެ 45 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ޖުލައި މަހުގެ ތެރޭގައި ފްލެޓްތައް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ތަކަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ފްލެޓް އެޅުމުގެ 11 ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަަށްވެސް ސުހައިލް ވަނީ ވިދާޅުވި އެވެ. މިމަސައްކަތަށް ދިވެހި ކުންފުނިތަކުގެ ގޮތުގައި 57 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަޙަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެ ޕްރޮޕޯސަލްތައް އިވެލިއޭޓް ކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް އަޅާއިރު 10 ޓަވަރު އަޅަ އެވެ. އެ މަޝްރޫއުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
މި ޓަވަރުތަކުގައި ޖުމްލަ 1344 އެޕާޓްމަންޓާ އެކު ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެ އެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެވެ.
ސްޓޭންޑަޑް ވިއު ގައި ހުންނާނީ 883 އަކަފޫޓުގެ އެޕާޓްމެންޓްތަކެކެވެ. ދެން ހުރި އެޕާޓްމަންޓްތަކުގައި 902 އަކަފުޓޫ ހުންނާނެ އެވެ. ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަނި ހުރެ އެވެ.
މެރީނާ ވިއުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާއާއި 2.6 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އައުޓާ ވިއުގައި 372 އެޕާޓްމަންޓް ހިމެނޭއިރު އަގަކީ 2.7 މިލިއަން ރުފިޔާއާއި 2.6 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.6 މިލިއަން ރުފިޔާގަ އެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމަންޓް ހިމެނޭއިރު މި ޔުނިޓްތަކުގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާގަ އެވެ.