ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގައި އިންޑިއާ އާއި ޔޫކޭ ވޭރިއަންޓް އުޅޭ ކަމަށް ބުނެފި

ރާއްޖެެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ގައިން އިންޑިއާ އާއި ޔޫކޭ އިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައިވާ ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި އުޅޭ ކޮވިޑް ވޭރިއަންޓް ދެނެގަތުމަށް ރާއްޖެއިން ބޭރަށް ޖީ ސީކުއެންސިން އަށް ސާމްޕަލްތައް ވަނީ ފޮނުވާފަ އެވެ. އެ ސާމްޕަަލްތަކުގެ ނަތީޖާ މިހާރު ވަނީ ލިބިފަ އެވެ. ތިން ފަހަރެއްގެ މަތިން ރާއްޖެއިން ވަނީ ސީކުއެންސިންއަށް ސާމްޕަލް ފޮނުވާފައެވެ. ކޮންމެ ފަހަރަކުވެސް 30 ސާމްޕަލް ފޮނުވައެވެ. ނަތީޖާ ލިބިފައިވަނީ އެންމެ ފަހުން ފޮނުވި ސާމްޕަލްތަކުގެ އެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ފޮނުވި ސާމްޕަލްތަކުގެ ތެރޭގައި ޔޫކޭ ވޭރިއަންޓް އަދި އިންޑިއާ ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. ފޮނުވި ސާމްޕަލްތަކުގެ 27 ޕަސެންޓް ހިއްސާކުރަނީ އިންޑިއާ ވޭރިއަންޓް ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ. އަދި 20 ޕަސެންޓް ހިއްސާކުރަނީ ޔޫކޭ ވޭރިއަންޓެވެ. އިންޑިއާ ވޭރިއަންޓަކީ އެންމެ އަވަހަށް ފެތުރޭ ކަމަށް ބެލެވިފައިވާ ވޭރިއަންޓެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ރާއްޖެއިން ފޮނުވި ސާމްޕަލްތަކުން ހަ ވޭރިއަންޓެއް ރާއްޖޭގައި އުޅޭކަން ދެނެގަނެވިފައިވެއެވެ.

ނަޒްލާ ވިދާޅުވީ ރާއްޖޭގައި އުޅޭ ކޮވިޑް ވޭރިއަންޓް ދެނެގަތުމަށް ކުރިއަށް އޮތްތާވެސް ބޭރަށް ސާމްޕަލްތައް ފޮނުވާނެ އެވެ. އެކަން ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމުގައެވެ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތްތާ ފޮނުވާ ސާމްޕަލްތަކުގެ އަދަދު އިތުރު ކުރަން މަސައްކަތް ކުރާ ކަަމަށެވެ.

"ރާއްޖޭގައިވެސް ދަތުރުފަތުރުތައް ކުރިއަށް ދިއުމާއި ދިވެހިންވެސް ބޭރަށް ދަތުރުކުރުމާއި އަދި އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަށް މީހުން އައުމާ މިކަންތައްތަކުގެ ތެރެއިން ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން ރާއްޖެއިންވެސް އާ ވޭރިއަންޓް އަދި އަލަށް ތައާރަފުވާ ވޭރިއަންޓްވެސް ފެތުރުމުގެ ފުރުސަތު އޮންނާނެ. މީގެ މި ފާހަގަކުރެވޭ ކަމަކީ ދުނިޔޭގެ ނިސްބަތުގައި އެންމެ ފަހުން ފާހަގަކޮށްލެވުނު ދެ ވޭރިއަންޓްސްވެސް ރާއްޖޭގެ ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭކަން،" ނަޒްލާ ވިދާޅުވިއެވެ.