ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ބިލް މަޖިލީހަށް ހުށައެޅީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ އެމްޑީޕީގެ ބައެއް މެންބަރުން އެ މޭރުމުން މިއަަދު ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.
އަދާލަތު ޕާޓީން ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވާ ބިލަކީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރެވިގެން ހުށަހަޅާފައިވާ ބިލެއް ކަމަށް ބަޔަކު މައުލޫމާތު ފެތުރި ނަމަވެސް ބިލު މަޖިލީހަށް ހުށަހެޅުމުގައި އަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.
މި ބިލާ ގުޅިގެން އަދާލަތު ޕާޓީން ކުރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކަށް ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލް އޮތް ގޮތުން މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ހިސާން ހުށަހެޅުއްވި ބިލްގައި ހުރި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅައިގެން ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކުގެ ތެރެއިން ކަންކަން ކުރުމަށްވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.
"ހިސާން ބިލު" ގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.