ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޕޯޗްގަލްއިން 3-0 ހަންގޭރީ މައްޗަށް ކާމިޔާބު ހޯދާފައި ވަނިކޮށް އެ ގްރޫޕްގައި ދެން ހިމެނޭ އަދި އެންމެން އިންތިޒާރު ކުރަމުންދިޔަ ބޮޑު މެޗް، ޖަރުމަނާއި ފްރާންސް ވާދަކޮށް 1-0 އިން ފްރާންސް މޮޅު ވެގެން ނިމިއްޖެ އެވެ.
މެޗްު ފަށައިގެން ރަނގަޅަށް ޖަރުމަނުން ކުޅެމުން ދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށް ހަމަލާ އުފައްދަމުން ގެންދިޔައީ ފްރާންސެވެ.
ވަރުގަދަ އަދި އަވަސް ކުޅުމެއް ފެނުނު މެޗުގައި އައި ހަމައެކަނި ލަނޑަކީ ޖަރުމަނުގެ ޑިފެންޑަރު ހުމެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗްގެ 20 މިނެޓްގައި ހިތްދަތި ގޮތަކަށް ވަން އެ ލަނޑަށް ފަހު ނަތީޖާ ހަމަހަމަ ކޮށްލާނެ ރަނގަޅު ފުރުސަތެއް ޖަރުމުނުގެ ތޯމަސް މުލާއަށް ލިބި ބޭކާރު ވިއެވެ. އަދި ހާފުގެ ފަހު ބައިގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ވެ، ބޭކާރު ވެފައިވާއިރު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ގާތްގަނޑަކަށް ހަމަހަމަ ކުޅުމެކެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ ރަނގަޅަށް ކުޅެމުން ދިޔައީ ފްރާންސެވެ. ހާފުގެ ކުރީކޮޅު ފްރާންސްގެ ރޯބިއޯއަށް ހުހަށް ލިބުނު ފުރުސަތު ނާކާމިޔާބުވީ ގޯލް ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ޖަރުމަނަށް ލިބުުނު ގިނަ ޗާންސްތައް ވެސް ދިޔައީ ބޭނުން ނުކުރެވި ބޭކާރު ވެގެނެވެ.
ފަހު ހާފުގައި ފްރާންސްގެ އެމްބާޕޭ އާއި ކަރީމް ބެންޒަމާ ގޯލް ޖެހި ނަމަވެސް އެ ދެ ގޯލް ވެސް ނިންމީ އޮފްސައިޑް ކަމަށެވެ. މިރޭގެ މެޗުން ޖަރުމަނު ބަލިވުމުން "ގްރޫޕް އޮފް ޑެތު" ގައި ކުރިޔަށް ދާން ކުރަން ޖެހޭ މަސައްކަތް ޖަރުމަނަށް ބޮޑުވެ އުނދަގޫވީ އެވެ.