މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީގެ ހާއްސަ ސިޓީފުޅެއް ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އައްސާނީއަށް އަރުވައިފި އެވެ. ސިޓީ ހިއްޕަވައިގެން އަމީރުގެ އަރިހަށް ވަޑައިގަތީ މިސްރުގެ ފޮރިން މިނިސްޓަރު ސާމީހް ޝުކުރީ އެވެ.
ގަތަރު ނިއުސް އޭޖެންސީ ބުނާ ގޮތުން އަމީރަށް ވެވަޑައިގެންނެވިހާ އަވަހަކަށް ގާހިރާއަށް ވަޑައިގެން ދެއްވުމަށް ސީސީ އެދިވަޑައިގެންފައިވެ އެވެ. އެއީ ދޭދޭ މަޝްރަހުގައި ހުރި ނުތަނަވަސްކަމާއި ސަރަހައްދީ މަސްލަހަތާ ގުޅުން ހުރި ވާހަކަތަކަށް ހިޔާލު ހޯއްދެވުމަށެވެ.
މިއީ 2013 އަށް ފަހު މިސްރުގެ ހާރީޖީ ވަޒީރަކު ގަތަރަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މިސްރާ ގަތަރާ ދެމެދު ގުޅުން ހަރާބުވެފައި ވަނީ މިސްރުގެ ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމާ ގުޅިގެންނެވެ.
ގަތަރު ނިއުސް އޭޖެންސީން ބުނާ ގޮތުން މިއީ ދެ ގައުމުން ހަރުދަނާ ވިސްނުތަކެއް އުފަން ކުރަން ޖެހިފައި އޮތް ވަގުތެކެވެ. ޖުމުލަކޮށް މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށް އަރަބި ދައުލަތްތައް މާބޮޑަށް ވެސް ފާރަވެރި ވާން ޖެހިފައި އޮތް ދުވަސް ތަކެކެވެ.
ސީސީގެ ސީޓީފުޅަކީ ބެލެވޭ ގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާއީ އީރާންގެ ނިއުކްލިއާ ވާހަކަަކާ ވެސް ގުޅުން އޮތް ސިޓީފުޅެކެވެ. ގަތަރަކީ ފަލަސްތީނަށް ވަރަށް ބޮޑެތި އަދަދުތަކުން މާލީ އެހީތެރިކަން ފޯރުކޮށް ދޭ ގައުމެކެވެ. އަނެއްކޮޅުން އީރާނާއެކު ވެސް ގާތްގުޅުމެއް ބާއްވަ އެވެ.
ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އަދި މިސްރުން އެދެނީ ގަތަރުން އީރާނަށް މަދަދުވެރިވާ މިންވަރު ދަށް ކުރުމަށާއި މެދުއިރުމަތީގައި ހަރަކާތްތެރިވާ ބާޣީ ގުރޫޕްތަކާ އޮންނަ ގުޅުން ކަނޑާޅުމަށެވެ.