ސަލީމް-ޖާވީދަކީ 70 އާއި 80ގެ އަހަރުތަކުގައި ބޮލީވުޑުގައި ރިލީޒްކުރި އެންމެ މޮޅު އެންމެ ރީތި ފިލްމުތައް ލިޔުނު ދެ ސްކްރިޕްރައިޓަރުންނެވެ. "ޝޯލޭ"، "ދީވާރު" ފަދަ ރީތި ގިނަ ފިލްމުތަކެއް މި ދެ ލިޔުންތެރިން ގުޅިގެން ލިޔެފައި ވެއެވެ. މިހާރު މި ދެ ލިޔުންތެރިންގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭ ޑޮކިއުމެންޓްރީއެއް "ދި އެންގްރީ ޔަންގް މެން" ގެ ނަމުގައި އުފެއްދުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދެ އެވެ. މި ޑޮކިއުމެންޓްރީ ޕްރޮޑިއުސްކުރަނީ ސަލީމް އާއި ޖާވީދުގެ ދަރިންނެވެ.
ސަލީމްގެ ދަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ސަލްމާނާއި އަރްބާޒް އަދި ސުހައިލް ޚާން ހިމެނޭއިރު ޖާވީދުގެ ދަރިންނަކީ ފަރްހާން އާއި ޒޯޔާ އަޚްތަރު އެވެ. ޑޮކިއުމެންޓްރީ ޕްރޮޑިއުސްކުރަނީ ސަލްމާންގެ ފިލްމު ކުންފުނި (ސަލްމާން ޚާން ފިލްމްސް) އާއި ފަރްހާންގެ ފިލްމު ކުންފުނި (އެކްސެލް އެންޓަޓައިންމަންޓް) އަދި ޒޯޔާގެ ފިލްމު ކުންފުނި (ޓައިގާ ބޭބީ ފިލްމްސް) ގުޅިގެން ޖޮއިންޓް ވެންޗާއެއްގެ ގޮތުގަ އެވެ.
ނަމްރަތާ ރާއޯ ޑައިރެކްޓްކުރާ މި ޑޮކިއުމެންޓްރީގައި ސަލީމް-ޖާވީދުގެ ރަން ޒަމާނުގައި އެމީހުންގެ ލިޔުންތެރިކަމުގެ ޖާދޫ ދެއްކި ގޮތް ވަރަށް ފުރިހަމައަށް ގެނެސްދޭނެ އެވެ.
ފިލްމެއް ކާމިޔާބުވުމުގައި ސްކްރިޕްޓް ކުޅޭ މުހިއްމު ދައުރު ހާމަވެގެން ދިޔައީ ސަލީމް-ޖާވީދުގެ ފިލްމު ތަކުންނެވެ. އަމީތާބު ބައްޗަން އަށް ލިބުނު ސުޕަސްޓާރެއްގެ ދަރަޖައިގައި ވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ސަލީމް-ޖާވީދަށެވެ. ސަބަބަކީ އޭނާގެ ކެރިއަރުގައި އެހާ މޮޅު ފިލްމުތަކެއް ކުޅެވުނީ ސަލީމް-ޖާވީދު ލިޔެދިން ސްކްރިޕްޓްތަކުގެ މޮޅުކަމުން ކަމަށް ވާތީ އެވެ.
ސަލީމް-ޖާވީދު އެކުގައި ފުރަތަމަ ލިޔުނި ސްކްރިޕްޓަކީ 1971ގައި ރިލީޒްކުރި ރާޖޭޝް ކަންނާގެ "އަންދާޒް"ގެ ސްކްރިޕްޓެވެ. އޭގެ ފަހުން ގާތްގަނޑަކަށް 20 ވަރަކަށް ފިލްމުގެ ސްކްރިޕްޓް އެމީހުން އެކުގައި ލިޔުނުނުއިރު ހުރިހާ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ފިލްމުތަކެވެ. ލިޔުންތެރިންގެ ޖޯޑެއްގެ ގޮތުގައި ގިނަދުވަހު މަސައްކަތްކުރުމަށްފަހު އެމީހުން ވަކިވީ 1980ގެ އަހަރުތަކުގަ އެވެ.
މިހާ ކާމިޔާބުކަމާއެކު މަސައްކަތްކުރި ޖޯޑެއް ކުއްލިއަކަށް ވަކިވާން ނިންމި ސަބަބު އެމީހުން ތަފްސީލުކޮށް މިހާތަނަށް ވެސް ކިޔައިދީފައެއް ނުވެ އެވެ. ހަމައެކަނި އެނގޭހާ ވެސް އެއްޗަކީ ސަލީމް އާއި ޖާވީދު ވަކިވާން ނިންމި ދުވަސްވަރަކީ ޖާވީދު އާއި ބަތަލާ ޝަބާނާ އަޒްމީ އާ ކައިވެނި ކުރި ދުވަސްވަރު ކަމެވެ. ނަމަވެސް ދެ މީހުންގެ ވަކިވުމާ މި ކައިވެންޏާ ގުޅުމެއް އޮތް ކަމެއް ނެތް ކަމެއް ޔަގީނެވެ ނޫނެވެ.
ސަލީމް އާ ވަކިވުމަށްފަހު ވެސް ޖާވީދު އެކަނި ސްކްރިޕްޓްތައް ލިޔުމުގެ މަސައްކަތް ކުރި އެވެ. އަދި 200 އަށް ވުރެ ގިނަ ލަވަތައް ވެސް އޭނާ ލިޔެފައި ވެއެވެ. ނަމަވެސް ސަލީމް އާއެކު ދެއްކި ޖާދޫ އެއްވެސް ފިލްމެއްގައި އޭނާއަށް އެކަނި ދެއްކިފައެއް ނެތެވެ.
ސަލީމް-ޖާވީދު ޑޮކިއުމެންޓްރީން މި ދެ މީހުން ވަކިވި ސަބަބާއި އެމީހުންގެ ހަޔާތުގެ މުހިއްމު ވާހަކަތަކެއް އެނގޭނެ ކަމަށް އުންމީދު ކުރެވެ އެވެ.