ބޮލީވުޑް

ޑޭވިޑް ދަވަން އެއްޗެތި ގޮވި ހަނދާން ދުވަހަކުވެސް ނުނެތޭނެ: ނީނާ

ނީނާ ގުޕްތާ އަކީ ބޮލީވުޑްގައި މަންމަގެ ރޯލު އަދާކުރާ ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. "ބަދާއީ ހޯ" އިން އޭނާއަށް ލިބުނު ނެޝަނަލް އެވޯޑު އޭނާގެ އެކްޓިންގެ ހުނަރުގެ ހެއްކަކަށް ފުދެ އެވެ. ނީނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދީފައިވާ އޭނާގެ އޮޓޯބައޮގްރަފީ "ސަޗް ކަހޫން ތޯ"ގައި އޭނާ ވަނީ ޒާތީ ދިރިއުޅުމުގައި ފިލްމީ ކެރިއަރުގައި ދިމާވި ތަފާތު ވަރަށް ގިނަ ހާދިސާތަކާއި ކުރެވުނު ހިތްދަތި ތަޖުރިބާތައް ކިޔުންތެރިންނާ ހިއްސާ ކޮށްފަ އެވެ. ހުރި އެންމެ ދަރިފުޅު މަސާބާ ބައްޕައަކާ ނުލައި އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރުމުގައި ކުރި ހިތްދަތި ތަޖުރިބާތަކާއި އެނޫންވެސް ފިލްމުގެ ޝޫޓިންގްތަކުގައި ކުރިމަތިވީ ކަންތައްތައް ނީނާ މި ފޮތުގައި ވަރަށް އަސަރާއެކު ހާމަ ކޮށްފައި ވެއެވެ.

ނީނާ ހިއްސާކުރި އެއް ވާހަކައަކީ ފިލްމެއްގެ ސެޓުގައި ޑައިރެކްޓަރަކު އޭނާއާ ދިމާލަށް އެއްޗެތި ގޮވި ހާދިސާ އެކެވެ.

މި ހާދިސާ ކިޔައިދެމުން ނީނާ ބުނެފައިވަނީ ފިލްމު "އީނާ މީނާ ޑީކާ"ގެ ސެޓުގައި އެ ފިލްމުގެ ޑައިރެކްޓަރު ޑޭވިޑް ދަވަން އެއް ދުވަހު އޭނާއަށް ވަރަށް އެއްޗެތި ގޮވާ ރޮއްވާލި ކަމަށެވެ. އެ ފިލްމުގައި ނީނާއަށް ކުޅެން ލިބިފައި އޮތީ ވެސް ސަލާން ޖަހާ މީހެއްގެ ރޯލެކެވެ. އެއީ ވަރަށް ކުޑަ ކުޑަ ރޯލެއް ވެސް މެއެވެ. އޭނާގެ ކެރެކްޓާއަށް އެ ފިލްމުގައި އެއްވެސް ޑައިލޯގެއް ކިޔަން ނުޖެހޭތީ ކުޑަ ނަމަވެސް ޑައިލޯގެއް ހިމަނާލަދޭން ނީނާ ޑައިރެކްޓަރު ޑޭވިޑް ކައިރީގައި އެދުނެވެ. ޑޭވިޑް އެއްޗެތި ގޮވީ އެހެންވެ އެވެ.

"އެ ދުވަހުގެ ޝޫޓިންގްގައި ގިނަ އަދަދެއްގެ އެކްޓަރުން ވެސް ތިބި. އެންމެން ކުރިމަތީ ބަވާލީމަ އަހަރެން ދެރަވި ވަރުން ރޮވުނީ. އެތާގައި އެ ފިލްމުގެ ބަތަލާ ޖޫހީ ޗައުލާ ވެސް ހުރި. އަހަރެން ރޯން ފެށުމުން އަހަރެންގެ އަތުގައި ހިފާ އެއްފަރާތަކަށް ގެންދިޔައީ ޖޫހީ. ޖޫހީ އަހަރެންނަށް ވަރަށް ހިތްވަރުދީ ނުރޯން ބުނި. އަދި އޭނަގެ ވެސް ކެރިއަރުގެ ކުރީކޮޅު އެކަހަލަ ކިތަންމެ ކަމެއް ދިމާވެފައި ހުރިކަމަށް ބުނި. އަދި ޑޭވިޑް ހުރީ ވަރަށް ސްޓްރެސް ހާލަތެއްގައޭ ކިޔައިގެން ޑޭވިޑް ދިފާއުކުރަން ޖޫހީ ވަރަށް އުޅުނު. ނަމަވެސް އަހަރެން ހުރީ އެކަން ހަނދާން ނައްތާލެވޭ ވަރަށް ވުރެ މާ ރުޅިގަދަވެފަ،" ނީނާގެ އޮޓޮބައޮގްރަފީގައި ލިޔެފައި ވެއެވެ.
ނީނާ ބުނެފައިވާ ގޮތުގައި މިހާރު ވެސް އޭނާ އާ ޑޭވިޑް ރުޅިއެއް ނޫނެވެ. ދެ މީހުންގެ މެދުގައި އާދައިގެ ރަނގަޅު ގުޅުމެއް އެބައޮތެވެ. ނަމަވެސް ޑޭވިޑް ކުރި ކަންތައް އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ.

"އީނާ މީނާ ޑީކާ" އަކީ ރިޝީ ކަޕޫރާއި ވިނޯދް ކަންނާ އަދި ޖޫހީ ލީޑް ރޯލުތައް ކުޅުނު ވަރަށް މަޖާ ފިލްމެކެވެ.