ފިނިޕޭޖް

ފަޒާލް އާއި ރިޗާ ގުޅުނީ "ފުކްރޭ"ގެ ސެޓުން

ބައެއް ފިލްމުތަކަކީ އަބަދަށްޓަކައި ވަރަށް ޚާއްސަ ފިލްމުތަކަކަށް ވެއެވެ. މިއީ ހަމައެކަނި އެ ފިލްމެއް ބަލާ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. ފިލްމުގައި ބައިވެރިންނަށް ވެސް ބައެއް ފަހަރަށް އެ ފިލްމެއް މާ ބޮޑަށް ޚާއްސަވެގެން ދެއެވެ.

މީގެ އަށް އަހަރު ކުރިން ރިލީޒްކުރި "ފުކްރޭ" އަކީ ވެސް އެގޮތުން ފިލްމުގެ ލީޑް ރޯލު އަދާކުރި ދެ ތަރިންނަށް ވަރަށް ޚާއްސަ އަދި ދުވަހަކުވެސް އެ ފިލްމެއްގެ މަތިން ހަނދާން ނުނެތޭނެ ފިލްމެކެވެ. ސަބަބަކީ މިހާރު ކައިވެންޏަށް ތައްޔާރުވަމުންދާ މި ދެ ލޯބިވެރިން ކަމަށްވާ އަލީ ފަޒާލް އާއި ރިޗާ ޗައްޑާ ފުރަތަމަ ބައްދަލުވީ އެ ފިލްމުގެ ސެޓުން ކަމަށް ވާތީ އެވެ.

"ފުކްރޭ"އަށް ފަހު "ފުކްރޭ ރިޓާންސް" ވެސް މި ދެ ތަރިން އެކުގައި ވަނީ ކުޅެފަ އެވެ. އަދި މީގެ ތިން ވަނަ ފިލްމެއްގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

"ފުކްރޭ" ކުޅުނުއިރު އަލީ އާއި ރިޗާގެ މެދުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވެ ލޯބީގެ މާތައް ފޮޅުނީ "ފުކްރޭ ރިޓާންސް" ގެ ސެޓުގަ އެވެ. އޭރު ވެސް ރިޗާ އާއި އަލީ އަކީ ކާމިޔާބު އާޓިސްޓުންނެވެ. އަދި އަމިއްލައަށް ފިލްމުތައް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް އެމީހުން އޭރު ވެސް ކުރެ އެވެ.

ރިޗާ ބުނި ގޮތުގައި "ފުކްރޭ" ގެ ސެޓުގައި އޭނާއަށް އަލީ ބައްދަލުވުމުން ވެސް ދެ މީހުންނަށް އެކަކު އަނެކަކާ ވަރަށް ގަޔާ ވެވުނެވެ. އޭނާ އާ ގުޅޭ އޭނާ ކަހަލަ މީހަކު ފެނިއްޖެ ކަމުގެ އިހްސާސް އަލީ އާ ބައްދަލުވުމުން ކުރެވުނު ކަމަށް ރިޗާ ބުންޏެވެ. އެދުވަހަށް ފަހު ދެ މީހުންގެ މެދުގައި އޮތީ އެކުވެރިކަމެވެ. ނަމަވެސް މަޑުމަޑުން ދެ މީހުން ގާތް ވަމުން ގޮސް ލޯބި ވެވުނުއިރު ނުވެސް އެނގޭ ކަމަށް ރިޗާ ބުންޏެވެ.

ރިޗާ އާއި އަލީ ކައިވެނިކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އެޕްރީލްގަ އެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އިންޑިޔާ ލޮކްޑައުންވުމުން ކައިވެނި ފަސްކުރި ގޮތަށް އަދިވެސް ކައިވެނިކުރާނެ ރަނގަޅު ދުވަހެއް އެމީހުންނަށް ކަނޑައެއް ނޭޅެ އެވެ.