މައިކްރޮސޮފްޓުން އަލަށް ނެރެން އުޅޭ ވިންޑޯސް 11 އިގެ ވާޝަން އެއް އިންޓަނެޓުގައި ލީކު ކޮށްލައިފި އެވެ.
ޗައިނާގެ ވެބްސައިޓަކުން ވިންޑޯސް 11 އިގެ ސްކްރީންޝޮޓް ތަކެއް ފުރަތަމަ ލީކް ކޮށްލާފައި ވަނިކޮށް މުޅި އޮޕަރޭޓިން ސިސްޓަމް ވެސް މިހާރު މިވަނީ ލީކް ކޮށްލާފަ އެވެ. އަދި ގިނަ ބަޔަކު މިހާރު ދަނީ ވިންޑޯސް 11 ޑިވަައިސް ތަކަށް އިންސްޓޯލް ކުރަމުންނެވެ.
މި ލީކްގެ ފަހުން ސްކރީންޝޮޓް ތަކުގެ އިތުރުން މުޅި ޔޫޒާ އިންޓާފޭސް މަސައްކަތް ކުރާ ގޮތުގެ ވީޑިއޯތައް ވެސް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު ދައުުރު ވަމުން އެބަދެ އެވެ.
ވިންޑޯސް 11 އަށް ވަންނައިރު އެންމެ ފުރަތަމަ ފާހަގަ ކޮށްލެވޭ ތަފާތަކީ އާ ސްޓާއަޕް އަޑަކާއި އެނިމޭޝަން އެއް ފެނިގެން ދިޔުމެވެ. އަދި ވިންޑޯސް 11 އިގެ ލޯގޯ މީގެ ކުރީގެ ވާޝަން ތަކާ ތަފާތެވެ.
ވިންޑޯސް އަށް ލޮގިން ވުމަށް ފަހު ފެނިގެން ދަނީ ސްޓާޓް މެނޫ އާއި އަދި ޓާސްކްބާ މެދަށް ބަދަލު ކޮށްފައިވާ ތަނެވެ. އަދި ސްޓާޓް އައިކަން އާއި ސްޓާޓް މެނޫ ވެސް ތަފާތެވެ. ނަމަވެސް ވިންޑޯސްް 10 އާއި އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ފެނިގެނެއް ނުދެ އެވެ.
ވިންޑޯސް 10 ގެ "ސިމްޕްލިފައިޑް" ވާޝަންއެއްގެ ސިފައިގައި ފެންނަ މި އޯއެސްގެ ލޭއައުޓަށް ވެސް މާބޮޑު ތަފާތެއް އައިސްފައެއް ނުވެ އެވެ. އަދި ސްޓާޓް މެނޫ ވާތްފަޅި އަށް ބަދަލު ކުރުމުން ކުރީގެ ވިންޑޯސްްތަކާއި މާބޮޑު ތަފާތެއް ފެންނަށް ނެތް ކަން ވެސް ފާހަގަ ކުރެެވެ އެވެ.
މެނޫ ތަކާއި ވިންޑޯސްތަކުގެ ކަން ވަށްވެފައި ކުރިއަށް ވުރެ ބަލާލަން ފަސޭހަވާ ގޮތަށް ވިންޑޯސް 11 ޑިޒައިން ކޮށްފައިވާއިރު ކުރީގެ އޯއެސް ތަކަށް ވުރެ ބޭނުން ކުރަން ވެސް ފަސޭހަ އެވެ. އަދި އިންޓަފޭސްގައި ހިމަނާފައިވާ އެނިމޭޝަން ތަކުން މި އޮޕަރޭޓިން ސިސްޓަމަށް އިތުރު ހިތްގައިމުކަމެއް ގެނުވަ އެވެ.
ވިންޑޯސް 11 ލީކުވި ނަމަވެސް މިވާޝަން ރަސްމީކޮށް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެހެންކަމުން ލީކްވެފައި މިވާ ވާޝަން އަށް އަދިވެސް އިތުރު އަޕްޑޭޓްތައް ނުވަތަ ބައެއް ބަދަލުތައް އައުމަކީ އޮތް ފުރުސަތެކެވެ.