ރައްޔިތުންގެ މަޖިލިސް

ސަރުކާރު ބިލެކޭ ބުނެގެން އެމްޑީޕީ މެންބަރުންގެ ނުރުހުން

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދު ބިލެއް ހުށަހެޅުއްވުމުން އެއީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ މެންބަރުން އެކަމާ ދެކޮޅު ހައްދަވައިފި އެވެ.

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހުންނަވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ސިވިލް ސާވިސް އިން އައްޔަނުކުރާ ގޮތަށް ބަދަލު ކުރަން ލާމަރުކަޒީ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގެމަނަފުށި ދާއިރާގެ މެންބަރު ސައީދެވެ.

މަޖިލީހުގެ އާންމު އުސޫލަކީ ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅަން ބޭނުންވާނަމަ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރަކު މެދުވެރިކޮށް އެ ބިލެއް ހުށަހެޅުމެވެ.

ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމަށް އަހްމަދު ސައީދު ހުށަހެޅުއްވި ބިލްގެ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ކަމަށެވެ. އަދި މި ބިލްގެ ސަބަބުން ރައްޔިތުންނާ މެދު ސަރުކާރުން ދެކޭ ގޮތް ވަރަށް ރީއްޗަށް އެނގިގެންދާ ކަމުގައި ވިދާޅުވި އެވެ. މި ބިލް ހުށަހެޅީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރު ރުހޭ މީހަކު ކައުންސިލްތަކުގައި ބެހެއްޓުމަށް ޖަހާ މަޅިއެއް ގޮތުގައި ކަަމަށްވެސް މުހައްމަދު ސައީދު ތުހުމަތު ކުރެއްވި އެެވެ.

މެންބަރު ސައީދުގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަފީފް ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

އަފީފް އެހެން ވިދާޅުވުމާ ގުޅިގެން ރައްދުގައި މުހައްމަދު ސައީދު ވިދާޅުވީ އެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއްކަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ދެއްކެވި ވާހަކަފުޅުން އެނގޭ ކަމަށެވެ. އަދި ޔައުމިއްޔާ ބައްލަވާލެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އަހްމަދު ސައީދު ހުށަހެޅުއްވި ބިލަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ބުރަ މަސައްކަތްތަކެއް ކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކަށް ފަހު، ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ރަނގަޅު ނަތީޖާ ނުލިބުމުން ކައުންސިލްތަކަށް ދިން ބާރު އަތުލަން އުޅުމަކީ އެމްޑީޕީ ބައިވެރިވާ ސަރުކާރުގެ އިހުލާސްތެރިކަމާއި ތެދުވެރިކަމާ މެދު ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ.

މުހައްމަދު ސައީދު ވިދާޅުވީ އަހްމަދު ސައީދު ހުށަހެޅުއްވި ބިލަށް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ހެއްދެވި ނަމަވެސް މި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށެވެ.

"ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި މަދު ބަޔަކު ނަމަވެސް މި ބިލަކީ ލާއިންސާނީ އަދި ހުދު މުހުތާރުކަން ގެންނަ ބިލެއް ކަމަށް ވިސްނިގެން އެބޭފުޅުން ވާހަަކަ ދައްކަވާ. އެހެންނަމަވެސް މި ބިލަކީ ސަރުކާރުގެ ހުށަހެޅުމެއް. ސަރުކާރުގެ ކޮންސެޕްޓެެއް. އަދި ހުށަހެޅުމުގެ ވަސީލަތަކަށް ބޭނުން މިކުރީ މެމްބަރެއް ކަން އޮޅުވައެއް ނުލެވޭނެ،" ކުރީގެ ވަޒީރު ސައީދު ވިދާޅުވި އެވެ.

އަހްމަދު ސައީދު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް މިއަދުގެ ޖަލްސާގައި މުހައްމަދު ސައީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ގިނަ ނިޒާމީ މައްސަލަތަކެއް ނަންގަވާފަ އެވެ. މެންބަރުން ވިދާޅުވީ ބިލް ހުށަހެޅުއްވީ ސަރުކާރުން ކަމަށް ވިދާޅުވެ މުހައްމަދު ސައީދު ތަކުރާރުކޮށް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ. އެއީ ކަނޑައެޅިގެން އޮޅުވާލުން ކަމަށާއި އެގޮތަށް މަޖިލީހުގައި ވާހަކަ ދައްކަވަން ފުރުސަތު ދެވިގެން ނުވާނެ ކަމުގައިވެސް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްތަކުގެ އެސްޖީން އައްޔަނުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިމަހު ކުރީކޮޅު ވިދާޅުވީ އެ މަގާމަށް ބޭފުޅުން އައްޔަންކުރަން ސަރުކާރުން ތާއީދު ކުރަނީ ކައުންސިލްތަކުގެ ލަފާގެ މަތިން ކަމަށެވެ.