ޑްރަގް މައްސަލައެއްގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކު ހައި ކޯޓުން ދޫކޮށްލައިފި އެވެ.
ދެހާސް ސޯޅަވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ހ. ބްރެޑްލީ، ހުޒައިމަތު ނައީމް ހައްޔަރުކުރީ މާރާމާރީއަކާއި ގުޅިގެން ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހުޒައިމަތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. އޭނާ ލައިގެން ހުރި ޖަންގިޔާ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅަކުން 17.3 ގްރާމުގެ ކެނަބިސް ވެސް ފެނުނު ކަމަށް ވެސް ހުކުމްގައިވެ އެވެ.
ތަހުގީގު މަރުހަލާ އަދި ދަށު ކޯޓުގެ މަރުހަލާގައި ހުޒައިމަތު ވަނީ އޭނާ އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އިއުތިރާފު ވެފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.
އެ މައްސަލަ އޭނާ ފަހުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ ދެ ނުކުތާއެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްގައި ކަނޑައަޅާފައި ވަނީ މަސްތުވާތަކެއްޗާ ގުޅޭ ގާނޫނާ ހިލާފަށް ކަން ހުޒައިމަތު ފުރަތަމަ ފަހަރަށް ފާހަގަކުރި އެވެ. ދެވަނަ ކަމަކަށް ގާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބުނާ ފަރުދުންގެ ހައްގު ގެއްލޭ ގޮތަށް ދަށު ކޯޓުގެ ހުކުމް މާނަކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.
އިސްތިއުނާފު މަރުހަލާގައި ސުވާލު އުފައްދާފައިވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަދަދާ ގުޅޭ ގޮތުންނެވެ. އެގޮތުން 17.3 ގްރާމު ހަމަ ވަނީ އިމްޕިއުރިޓީސްއާ ނުލައި ކަމަށް ދަށު ކޯޓުގައި ފުލުހުން ބުނެފައިވާއިރު އެ އަދަދު ހަމަވަނީ ކޮން ގޮތަކުން ކަމާ މެދު ސުވާލު އުފެއްދި އެވެ.
ހައި ކޯޓުގައި ހުޒެއިމަތުގެ ފަރާތުން ބުނެފައިވަނީ ފުލުހުން މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ވެސް ހިމަނައިގެން ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. ދައުލަތުން އެކަން ދޮގުކުރުމަށްފަހު ބުނެފައިވަނީ ތަކެތީގެ ބަރުދަން ބެލީ ދަޅު ނުލައި ކަމަށެވެ. އަދި އޭގައި ހުރި މަސްތުވާތަކެތީގެ ބަރުދަނަށް ވާނީ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލް ހިމެނޭހެން ޖުމްލަ 12.4 ގްރާމު ކަމަށް ހުޒެއިމަތުގެ ފަރާތުން ބުނެފައިވެ އެވެ.
މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ތަނެއްގައި ބަރުދަން ބެލީ ދަޅު ހިމަނައިގެން ނުވަތަ ނޫން ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށާއި ބަރުދަނަކީ 17.3 ގްރާމު ކަމަށް އެ ރިޕޯޓުގައި ބަޔާން ކުރިޔަސް، އޭގައި ހުރި ކަމަށް ބުނާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލްގެ ބަރުދަން އެއްކޮށްލުމުން ހަމަވަނީ 12.4 ގްރާމުކަން ހައިކޯޓުން ކުރި ހުކުމުގައި ބުނެ އެވެ.
މީގެ އިތުރުން ހުކުމުގައި ބުނެފައި ވަނީ 17 ގްރާމު އަންނަނީ އިމްޕިއުރިޓީސް ނުހިމަނާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ އިރު ޖުމްލަ މަސްތުވާތަކެތީގެ އަދަދު 17.3 ގްރާމަށް އަރާ ގޮތް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ނުވާ ކަމަށެވެ.
ހުޒައިމަތު އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް އޭނާ އިންކާރު ނުކުރާކަމަށް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް ބަރުދަނާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ހައިކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ.