ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ދެ މަހަށް ދޫކޮށްލި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ ހަ ވަނަ ދުވަހު ބަންދުން ދޫކޮށްލާފައި ވަނީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ދައުލަތުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމް އަދި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.
ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްލައިފައި ވަނީ ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމެއްގައި އެމީހުންގެ ބޭސްފަރުވާ އަށެވެ.
ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެފައި ވަނީ ބަންދުކޮށްފައިވާ މީހެއްގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަން ޖެހޭނީ އެމީހުންނާ ހަވާލުވެ އޮތް އިދާރާއަކުން ކަމަށެވެ. އެކަން އެގޮތަށް ކަން ނުހިނގާނަމަ ބޭސްފަރުވާގެ ކަންކަން ކޮށްދިނުމަށްއެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. ބަންދު މުރާޖައާ މަޖިލިސްތަކުގައި މަދަނީ ހައްލުތައް ގާޒީ ހޯދައިދޭން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ބޭސްފަރުވާ ނުލިބިގެން، މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި އަދި ކަރެކްޝަނަލް ސާވިސްއިން ބޭސްފަރުވާއަށް އިހުމާލުވެފައިވާތީ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން ދެ މީހުން ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅުއްވައި ފަނޑިޔާރު ހުސެއިން ޝަހީދު ނެރުއްވި ރައުޔަށް އިސް ފަނޑިޔާރު ހާތިފް ހިލްމީ ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.
ދެ ފަނޑިޔާރުންގެ ރައުޔާއި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތުވި ނަމަވެސް، އެ ރައުޔުގައިވެސް ވަނީ ދެ މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ.
ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ބޭސްފަރުވާއަށް ބަންދުން ދޫކޮށްލަން ޖެހޭނީ އެމީހެއްގެ ބަލިހާލަތަށް ބަލާއިރު ހެއްކަށް ނުފޫޒު ފޯރުވުމާއި މުޖުތަމައަށް ނުރައްކާނުވާފަދަ ހާލަތެއްގައި ހުރި މީހެއްް ކަމަށްވާނަމަ އެވެ. ސިއްހީ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް މިފަދަ މީހަކު ދޫކޮށްލެވޭނީ ވަރަށް ހާއްސަ އަދި ޒަރޫރީ ހާލަތެއްގައި ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އެހެންކަމުން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ކަންނެލި ދޯންޏެއްގައި ކަނޑުމަގުން 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
މި ދެ މީހުންގެ ތެރެއިން ޝަހީބަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެކެވެ. އެގޮތުން އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޝަހީބް ޖާމިނުކޮށްފައި އެމީހުން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.