ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލާފައި ވަނީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ދައުލަތުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމް އަދި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ. މި މައްސަލައާއި ގުޅިގެން ޖުމްލަ ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މިއަދު ނޫނީ މާދަމާ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ. އެމީހުން ކުރިން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްލައިފައި ވަނީ ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމެއްގައި އެމީހުންގެ ބޭސްފަރުވާ އަށެވެ.
އެ އަޑުއެހުމުގައި ޝިހާބްގެ ފަރާތުން ބުނެފައި ވަނީ އޭނާގެ ނަފްސާނީ މައްސަލަތަކަކާއި މައިބަދައިގެ ދެ ޑިސްކް ގުޑައިފައިވާ ކަމަށެވެ. އަހުމަދު މޫސާ ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، އޭނާގެ ނޭވާލާ ނިޒާމަށް މައްސަލަތަކެއް ދިމާވެ، ޓެސްޓްތަކެއް ހަދަން ޖެހޭކަން ފާހަގަކުރި އެވެ. ދެ މީހުން ވެސް ބުނެފައި ވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށެވެ.
އެހެންކަމުން ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ޝަރުތުތަކަކާ އެކީ ބޭސްފަރުވާއަށް ދެ މަހަށް ދެ މީހުން ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމަށާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ވަނީ ޝަރުތުކޮށްފަ އެވެ.
ކަންނެލި ދޯންޏެއްގައި ކަނޑުމަގުން 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
މި ދެ މީހުންގެ ތެރެއިން ޝަހީބަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެކެވެ. އެގޮތުން އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޝަހީބް ޖާމިނުކޮށްފައި އެމީހުން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.