ހައިކޯޓް

ޕެސްޓް ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ކޯޓުން ދޫކޮށްލި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޖަލަށް ބަދަލުކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސް ފަރުވާ އަށް ގޭބަންދަށް ޕެސްޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ކުރިން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުވެސް ކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.

އިސްތިއުނާފީ ނުކުތާގައި ދައުލަތުން ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލާފައި ވަނީ އޭނާ ބަންދުން ދޫކޮށްލާނެ ތަނެއް ނެތްކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައި ވަނިކޮށް، އެ ނިންމުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ރިމާންޑް ޖަލެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން ވަނީ ހައިކޯޓުގައި އެދިފަ އެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލީ ބޭސްފަރުވާއަށް ކަމަށް ބަޔާންކުރި ނަމަވެސް އެކަމުގެ ތަފްސީލުތައް ހިމަނާފައި ނުވާ ކަމަށެވެ. އެގޮތުން ބޭސްފަރުވާ ނުލިބިގެން އޭނާ ޝަކުވާތަކެއް ކޮށްފައިވާކަން ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ޝަކުވާތަކަކީ ކޮބައިކަމާއި، އޭގެތެރެއިން ބެލުނު ޝަކުވާއަކީ ކޮބައިކަން ވެސް ނޭންގޭ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލަން ނިންމި ސަބަބު ސާފުނުވާކަމަށް ބުނެ ހައިކޯޓުން ވަނީ އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ޕެސްޓުގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.