ކައުންސިލްތަކުގެ ސެކެޓްރީ ޖެެނެރަލް (އެސްޖީ) އައްޔަން ކުރާ އުސޫލަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހުން މަގުސަދު ހާސިލު ނުވާނެ ކަަމަށް މަޖިލީހުގެ ރައީސް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހުންނަވާ އެސްޖީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރަން ލާމަރުކަޒީ ގާނޫނާއި ސިވިސް ސާވިސްގެ ގާނޫނަށް ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅި ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވީ އެ ބިލުގެ ބޭނުމަކީ ހަމަހަމަ ފުރުސަތުތަކެއް އެންމެނަށް ހޯދައިދީ ސިޔާސީ ގޮތުން ވަކި އަތަކަށް ނުޖެހި އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތް ނުކުރާ ޕްރޮފެޝަނަލް މިންގަނޑަކުން ހިދުމަތް ފޯރު ކޮށްދިނުމެވެ.
ނަމަވެސް އެ މަގުސަދު ހާސިލުވާނެ ކަމާމެދު އުޝާމް މިއަދުގެ ބަހުސްގައި ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އެސްޖީގެ ޝަރުތު ކަނޑައަޅަނީ ކައުންސިލްތަކުގެ ބަދަލުގައި ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
"އެހެންވީމާ ކިޔަވައިގެން ތިބި ރަނގަޅު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ނުލިބިދާނެ ކަމަށް ދައްކާ ވާހަކައަކީ އެއްވެސް އިހުލާސްތެރި ކަމާއެކީ ދައްކާ ވާހަކައެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އުޝާމް ވިދާޅުވި އެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން އެސްޖީގެ މަގާމަށް މީހުން އިއުލާން ކުރަނީ ސިވިސް ސާވިސް ކޮމިޝަނުން ނެވެ. އަދި އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ނަންތައް ޝޯޓް ލިސްޓުކޮށް ސީއެސްސީން ކައުންސިލަށް ހުށަހަޅަ އެވެ. އެއަށްފަހު ކައުންސިލުގެ ލަފާގެ މަތިން އެސްޖީގެ މަގާމަށް މީހަކު އައްޔަނުކުރެ އެވެ.
"އެހެންވީމާ މި ޕްރޮސެސްގައި ސީއެސްސީ އަދި ކައުންސިލްގެ ދައުރެއް ވެސް އެބައޮތް. ސިވިލް ސާވިސް ކޮމިޝަނުން އަދި މިހާތަނަށް ވިދާޅުފައެއް ނެތް މި ސިސްޓަމް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލާއި އެސްޖީ ގުޅިގެން މަސައްކަތްކޮށް ކައުންސިލްގެ ނިންމުންތައް އެސްޖީ ތަންފީޒު ކުރަން ޖެހޭކަން ގާނޫނުގައި ސަރީހަކޮށް މިހާރުވެސް އެބައޮތް ކަމަށެވެ.
"އެހެންވީމާ ކައުންސިލްގެ މަސައްކަތްތައް އެންމެ ރަނގަޅަށް ހިނގާނީ އަޅުގަނޑު ދެކޭ ގޮތުގައި ކައުންސިލްގެ ލަފާގެ މަތިނ އައްޔަނުކުރާ ސެކެޓްރީ ޖެެނެރަލްއެއް." އުޝާމް ވިދާޅުވި އެވެ.