ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރު އަދި ނޭވީ ކޮމާންޑަރު އެޑްމިރަލް ވު ޝެންގްލީ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމެޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް އައިއެންއައިއޭ) އިން މަރުޙަބާ ދެންނެވީ ޑައިރެކްޓަރޭޓް އޮފް ކައުންޓަ ޓެރަރިޒަމްގެ ޑައިރެކްޓަ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.
އެޑްމިރަލް ވުޝެންގްލީގެ މިދަތުރުފުޅުގައި މިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމާއި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރު އަދި ނޭވީ ކޮމާންޑަރު އެޑްމިރަލް ވު ޝެންގްލީ ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރުމުގެ އިތުރުން ޗައިނާ ސަރުކާރުން ބިނާކޮށްފައިވާ ޤައުމީ ދާރުލް އާސާރަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމެޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރުގެ މިދަތުރުފުޅަކީ ދެޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމެޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގައެވެ.