ޔުއެއާފާ ޔޫރޯ 2020

ފިންލޭންޑުގެ ކައުންޓާ އެޓޭކް ވަރަށް ނުރައްކާތެރި: ރަޝިޔާ ކޯޗު

ފިންލޭންޑުގެ ކައުންޓާ އެޓޭކް ވަރަށް ނުރައްކާތެރި ކަމަށް ރަޝިޔާ ކޯޗު ސްޓެނިސްލަވް ޝޭރްސިސޮވް ބުނެފި އެވެ.

ރާއްޖެ ގަޑިން މިރޭ ހައެއް ޖަހާއިރު ގުރޫޕް ބީ ގައި ހިމެނޭ ފިންލޭންޑާއި ރަޝިޔާ ބައްދަލުކުރާ މެޗާއި ގުޅޭ ގޮތުން ރަޝިޔާގެ ކޯޗު ބުނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފިންލޭންޑުން ޑެންމާކު ބަލި ކުރުމަކީ އެޓީމުގެ ނުރައްކާތެރިކަމާއި ރޭވުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ރަޝިޔާ އަށް އޮތް އެންމެ ބޮޑު ބިރަކީ ފިންލެންޑުގެ ޑިފެންސް ވަރުގަދަ ވެފައި، ކައުންޓާ އެޓޭކުތައް ނުރައްކާތެރިވުން ކަމަށް ސްޓެނިސްލަވް ފާހަގަކުރި އެވެ.

އެހެންކަމުން ފިންލޭންޑު ކައިރިން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސްޓެނިސްލަވް ވަނީ ނިންމާފަ އެވެ. އަދި ފިންލޭންޑުން ކައުންޓާ އެޓޭކް ކުރަން ފުރުސަތު ނުދިނުމަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ވެސް ރަޝިޔާގެ ކޯޗު ފާހަގަކުރި އެވެ.

ފިންލޭންޑު ކުޅުނު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް އެ ޓީމުގެ ވިސްނުން ހުރީ އެމީހުންގެ އެޓޭކް އިތުރަށް ވަރުގަދަކޮށް އިދިކޮޅު ގޯލާއި ޑިފެންސަށް ބާރުބޮޑު ކުރުމަށެވެ. ފިންލޭންޑުގެ ކޯޗު މާކް ކަނެރްވާ ބުނީ ޓީމުގެ އެޓޭކް އަދި އިތުރަށް ވަރުގަދަ ވެސް ކުރަން ޖެހޭ ކަމަށެވެ.

މިރޭގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށް މާކް ވަނީ ފާހަގަ ކޮށްފަ އެވެ. ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ގްރޫޕުގެ ބާކީ ހުރި މެޗުތައް ނިމޭ އިރު ކޮންމެ ގޮތަކަށް ވެސް ނަތީޖާ އެނބުރިދާނެ ކަމަށް މާކް ބުންޏެވެ. އެހެންކަމުން މިރޭގެ މެޗަށް މާކް ނިކުންނާނީ މޮޅުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ. އަދި މިމެޗުން އެއްވަރުވެ އެއް ޕޮއިންޓް ނަމަވެސް ބޭނުންވާ ކަމަށް މާކް ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފިންލޭންޑުން ވަނީ ޑެންމާކުގެ މައްޗަށް ކުރި ހޯދާ، ތިން ޕޮއިންޓް ޔަގީންކޮށްފަ އެވެ. މި ގުރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ ޓީމު، ބެލްޖިއަމް އާއި ބައްދަލު ކުރި މެޗުން ރަޝިޔާ ވަނީ ތިނެއް ސުމެއްގެ ނަތީޖާއަކުން ބަލިވެފަ އެވެ.

މިއާއެކު މިމެޗުގައި ފިންލޭންޑަށް ވުރެ ރަޝިޔާ އަށް އޮތް ޕްރެޝަރު ބޮޑު އިރު، އެ ޓީމުން ނިކުންނާނީ ކޮންމެ ގޮތަކުންވެސް މެޗު ކާމިޔާބު ކުރުމަށެވެ. ފުރަތަމަ މެޗުން ތިން ޕޮއިންޓު ލިބިފައިވީ ނަމަވެސް ފިންލޭންޑުން ވެސް ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.