ޔުއެއާފާ ޔޫރޯ 2020

ހަ ޕޮއިންޓާއެކު އިޓަލީ ރަނގަޅަށް ހަމަޖެހިލައިފި

Jun 17, 2021

ސުވިޒަލޭންޑް ބަލިކޮށް ގްރޫޕްގައި އިޓަލީ ރަނގަޅަށް ހަމަޖެހިލައިފި އެވެ. މިރޭ އިޓަލީ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ގްރޫޕް އޭގެ ކުރީގައި އިޓަލީ ހަމަޖެހިލައިގެން އޮތީ ހަ ޕޮއިންޓުގެ ފުޅާ ލީޑަކާއެކު އެވެ.

މެޗްގެ ކޮންޓްރޯލް ނަގައިގެން ކުޅެމުންދިޔަ އިޓަލީއަށް މެޗުގެ ކުރީގެ ކޮޅުގައި ކެޕްޓަން ކިލިއޭނީ ލަނޑެއް ޖަހައިދިން ނަމަވެސް ވީއޭއާރް ރިވިއު ކުރުމަށް ފަހު ނިންމީ ބޯޅަގައި ކިލިއޭނީ އަތްލާފައިވާ ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އަނިޔާވެ ކިލިއޭނީ ވަނީ ބަދަލުވެސް ކޮށްފަ އެވެ.

އިޓަލީއަށް ފުރަތަމަ ލަނޑު ޖަހަައި ދިނީ 26 ވަނަ މިނެޓްގައި މެނުއަލް ލަކެޓެލީ އެވެ. ފުރަތަމަ ހަފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އިޓަލީ އޮވެގެނެވެ.

ދެވަނަ ހަފު ފަށައިގެން މެޗުގެ 52 ވަނަ މެޓުގައި މެނުއަލް ލަކެޓެލީ ވަނީ އިޓަލީ އަށް ދެވަނަ ލަނޑެއް ޖަހައިދީ މެޗުގެ ލީޑު ފުޅާކޮށްދީފަ އެވެ. އޭގެ ފަހުން ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރުމަށް ރަނުގެ ފުރުސަތެއް ސިވިޒަލޭންޑަށް 62 ވަނަ މިނިޓްގައި ލިބި ބޭކާރުވެފައި ވެއެވެ.

ދެ ވަނަ ހާފުގައި ވެސް މެޗްގެ ކޮންޓްރޯލް އޮތީ އިޓަލީއަށެވެ. އެހެން ނަމަވެސް އިޓަލީގެ އެންމެ ފުރިހަމަ އެޓޭކިން ގޭމް ކުޅެވޭ ގޮތެއް ނުވި އެވެ. ހާއްސަކޮށް އިންސީނިއާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ފަހު ހާފުގައި އިންސީނިއާ ބާލައި އެހެން ކުޅުންތެރިއަކު ބަދަލު ކުރުމުން ވެސް އިޓަލީގެ ފުރިހަމަ ގޭމަށް އެނބުރި ދެވިފައެއް ނުވެ އެވެ. އެހެން ނަމަވެސް އިޓަލީގެ ފޯވާޑް އިމޯބިލޭއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލަށް ވައްދާލައިގެން މެޗުގެ 89 މިނެޓްގައި އޭނާ ވަނީ ސްކޯޝީޓްގައި ހިމެނިފަ އެވެ.