ލައިފްސްޓައިލް

ގަންގާ ކޯރުގައި އޮޔާދިޔަ ފޮއްޓެއްތެރޭ ކުއްޖެއް!

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ގާޒީޕޫރާ ދިމާލުން އޮންނަ ގަންގާކޯރުގައި އޮޔާ ދިޔަ ލަކުޑި ފޮއްޓެއްގެ ތެރޭގައި އޮތް ތުއްތު ކުއްޖެއް ސަލާމަތް ކޮށްފި އެވެ. މިދިޔަ ބުދަ ދުވަހު ހޮވި މި ކުއްޖާ އުފަންވީތާ 22 ދުވަސް ވެފައިވާ ކަމަށާއި މިއީ އަންހެންކުއްޖެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މި ކުއްޖާ ފެނުމާ ގުޅިގެން އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު އިއުލާން ކުރައްވާފައިވާ ގޮތުގައި މި ކުއްޖާ ގެންގުޅެ ބޮޑުކުރުމުގެ ހުރިހާ ޒިންމާއެއް ނަގާނީ އެ ސްޓޭޓުގެ ސަރުކާރުންނެވެ. އަދި ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން ރަނގަޅު މާހައުލެއްގައި ގެންގުޅެވޭކަން ޔަގީންކުރާނެ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުއްޖާ ފެނުނީ ބޯޓެއްގައި ދަތުރު ކުރި ބަޔަކަށެވެ. އެމީހުންނަށް ކޯރު ތެރޭން ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ބަލާއިރު އެ އަޑު އިވެނީ ކޯރުގައި އޮޔާ ދަމުން ދިޔަ ފޮއްޓެއްގެ ތެރެއިން ކަން ޔަގީން ވެގެން ބޯޓު ކައިރިކޮށްފައި ފޮށި ނެގީ އެވެ. އަދި ފޮށި ހުޅުވާއިރު އޭގައި އޮތީ ތުއްތު އަންހެންކުއްޖެކެވެ.

މި ކުއްޖާގެ ގައިގައި އޮތީ ދޯޕައްޓާއެއް އޮޅާފައި ކަމަށާއި ފޮށިތެރޭގައި ބުދު ދީނުގެ މީހުން އަޅުކަންކުރާ ޒާތުގެ ބުދު ތަކެއްގެ ފޮޓޯތަކަކާއި ކުއްޖާގެ ހޮރޮސްކޯޕް އޮތްކަމަށް ވެއެވެ.

ކުއްޖާ ހޮވި މީހުން ފުލުހުންނަށް ގުޅުމުން އެމީހުން އައިސް ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ޗެކްކޮށްފަ އެވެ. އެ ކުއްޖާއަށް މިހާރު ވަނީ ގަންގާގެ ނަމުން ނަން ކިޔާފަ އެވެ.