ލައިފްސްޓައިލް

ކެނެޑާގެ އާއިލާއެއްގެ ހަތަރު މީހުން މަރާލީ މުސްލިމުންނަށް ވީތީ

ކެނެޑާގެ އާއިލާއެއްގެ ހަތަރު މީހުން މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މަރާލާފަ އެވެ. އެމީހުންގެ ހަމައެކަނި ކުށަކީ މުސްލިމުންނަށް ވުމެވެ. އެ އާއިލާގެ މީހުން މަރާލާފައި ވަނީ މަގުމަތިން ހިނގާފައި ވަނިކޮށް ބޮޑު ޓްރަކެއް އެމީހުންގެ ގައިގައި ޖައްސައި އެމީހުން ގައިމަތިން ގޮސްގެންނެވެ.

ކެނެޑާ ފުލުހުން ބުނެފައި ވަނީ މިއީ އިސްލާމް ދީނަށް ނަފުރަތުކުރާ މީހަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ.

އަދި މިއީ މުސްލިމުންނަށް ވީތީ މި އާއިލާދެކެ ރުޅިއައިސްފައިވާ މި މީހާ ދުރާލާ ވަރަށް ފުރިހަމައަށް ރާވައިގެން ހިންގި އަމަލެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މަރުވި އެންމެންގެ ކުށަކީ ހަމައެކަނި އެމީހުން މުސްލިމުންނަށް ވުން ކަމަށް ކެނެޑާ ފުލުހުން ވަނީ ޔަގީން ކޮށްދީފަ އެވެ.

މި މީހުން ގަސްތުގައި މަރާލިކަމުގެ ކުށުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ކެނެޑާ މީހެއް ކަމަށްވާ ނަތަނިއަލް ވެލްޓްމަން އެވެ. އޭނާ ދުއްވި ޓްރަކް ބާރު ސްޕީޑުގައި އައިގޮތަށް އައިސް އެ އާއިލާގެ މީހުންގެ ގައިގައި ޖައްސައި އެމީހުންގެ މަތިންލާފައި ހަމަ އެ ބާރު ސްޕީޑުގައި ދިޔައީ ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަރުވީ 77 އަހަރާއި 44 އަހަރުގެ ދެ އަންހެނުންނާއި 46 އަހަރުގެ ފިރިހެނަކާއި 15 އަހަރުގެ އަންހެންކުއްޖެކެވެ. އެމީހުންނާއެކު ހިނގާފައި ދިޔަ ނުވަ އަހަރުގެ ކުޑަ ފިރިހެންކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވިޔަސް އޭނާގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ.

މިއީ 2017 ވަނަ އަހަރު އެ ގައުމުގެ ކިއުބޭ ސިޓީގައި ހުންނަ މިސްކިތެއްގައި ނަމާދުކުރަން ތިބި ބަޔަކަށް ބަޑިން ހަމަލާ ދީ އޭގެ ތެރެއިން ހަ މީހަކު ޝަހީދުކޮށްލުމުގެ ހާދިސާއަށް ފަހު ކެނެޑާގައި މުސްލިމުންނާ ދެކޮޅަށް ހިންގި އެންމެ ބޮޑު ގަތުލުއާއްމެވެ. މަރުވި މީހުންގެ އެކުވެރިއެއް ކަމަށްވާ ޒާހިދު ޚާން ބުނި ގޮތުގައި އެއް އާއިލާއެއްގެ ތިން ޖެނެރޭޝަނެއްގެ މީހުން މި ހަމަލައިގައި މަރުވި ކަމަށެވެ. އެއީ މާމައަކާއި މާމަގެ ފިރިހެން ދަރިފުޅު އަދި ދަރިފުޅުގެ އަންހެނުންނާއި އެ ދެމަފިރިންގެ އަންހެން ދަރިފުޅެކެވެ. ސަލާމަތްވީ އެމީހުންގެ ފިރިހެން ދަރިފުޅު އެކަންޏެވެ.

އާއިލާގެ އިސް މީހަކަށް ހުރީ 77 އަހަރުގެ މާމަ އެވެ. މާމަގެ ދަރިފުޅަކީ 46 އަހަރުގެ ސަލްމާން އަފްޒަލް އެވެ. ސަލްމާނަކީ ފިޒިއޮތެރަޕިސްޓެކެވެ. އޭނާގެ އަންހެނުން މަދީނާއަކީ ސިވިލް އިންޖިނިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރަން ކިޔަވަމުންދިޔަ މީހެކެވެ. އެމީހުންގެ ދެ ދަރިންނަކީ ވެސް އެ ކުދިން ކިޔަވާ ސްކޫލްތަކުގައި ރަން ވަނަތައް ހޯދަމުންދިޔަ ވަރަށް ތޫނުފިލި ދެބެންނެވެ.

އެ އާއިލާއަކީ މީގެ 14 ވަރަކަށް އަހަރު ކުރިން ޕާކިސްތާނުން ކެނެޑާއަށް ހިޖުރަ ކޮށްފައިވާ އާއިލާއެއް ކަމަށާއި އެމީހުންނަކީ އެހިސާބުގަނޑުގައި ހުންނަ ލަންޑަން މުސްލިމް މިސްކިތުގެ މެމްބަރުން ކަމަށް ވެސް ޒާހިދު ބުންޏެވެ. އަދި އެ އާއިލާގެ މީހުންނަކީ ވަރަށް ދީލަތި އެހާމެ އާދައިގެ މަޑުމައިތިރި ދިރިއުޅުމެއް އުޅެމުންދިޔަ ބައެއް ކަމަށް ވެސް އާއިލާގެ އެކުވެރިޔާ ބުންޏެވެ.

ޓްރަކުން ޖެއްސި ދުވަހު އާއިލާގެ އެންމެން ނުކުމެ އުޅުނީ ކަސްރަތުކުރަން ހިނގާލާށެވެ.

"ކޮންމެ ދުވަހަކުވެސް ކަސްރަތުކުރަން ހިނގާލަން އެ އާއިލާގެ އެންމެން ނުކުންނާނެ. އެ ދުވަހުވެސް ނުކުތީ އެ އާދައިގެ މަތިން،" ޒާހިދު ބުންޏެވެ.