ޔޫރޯ 2020 ގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ފަސޭހަ ކަމާއެކު މޮޅުވެ އިޓަލީ އޮތީ ގުރޫޕުގެ އެއްވަނައިގައި ރަނގަޅަށް ހަމަޖެހިލައިގެނެވެ. އަދި މުބާރާތުގެ ނޮކްއައުޓް ސްޓޭޖް ޔަގީން ކުރި ފުރަތަމަ ޓީމަކީ ވެސް އިޓަލީ އެވެ. އެހެންކަމުން މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ އިޓަލީގެ ވަރުގަދަ ޑިފެންސްގެ ފާރު ފޫއަޅުވާލިޔަ ނުދީ ހިފަހައްޓާލެވޭނީ މުބާރާތުގައި ކިހާ ހިސާބަކަށް ދެވެންދެން ހެއްުެވެ.
އިޓަލީ އަކީ މާ ގިނަ ސުޕާ ސްޓާރުންތަކަކާއެކު މި މުބާރާތަށް ކުރިމަތިލި ޓީމެއް ނޫނެވެ. ޕޯޗުގަލްގެ ރޮނާލްޑޯ އާއި ފްރާންސްގެ އެމްބާޕޭ، ގްރީޒްމެން އަދި ބެންޒިމާގެ ނަން ކިޔާލެވޭހެން އިޓަލީ ޓީމުގައި ނަގައިގެން ކިޔާނެ މާ ގިނަ ނަންތަކެއް ނެތެވެ. ނަމަވެސް ޓީމް އެކީ އެކެއްޗެއްގެ ގޮތުގައި އިޓަލީ ފެނިގެންދަނީ ވަރަށް ވަރުގަދަ، ކޮންފިޑެންޓް ޓީމެއްގެ ގޮތުގަ އެވެ. ހާއްސަ ގޮތެއްގައި ޒަމާނުއްސުރެ އިޓަލީގެ ޑިފެންސް ލައިނަކީ ފޫ އަޅުވާލަން އުނދަގޫ ޑިފެންސް ލައިނެކެވެ.
އަންނަ އާދީއްތަ ދުވަހު ސްޓޭޑިއޯ އޮލިމްޕިކޯގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީ ބައްދަލު ކުރާނީ ގްރޫޕުގެ ދެން އެންމެ ވަރުގަ ޓީމު ވޭލްސްއާ އެވެ. މުބާރާތުގެ ގަދަ 16 އަށް މި ދެޓީމު ދާނީ އެއް ވަނައިގައިތޯ ނުވަތަ ދެވަނައިގައިތޯ އެނގިގެން ދާނީ އެ މެޗުގެ ނަތީޖާއިންނެވެ.
މިހާރުގެ ނަތީޖާތަކަށް ބަލައި ގަދަ 16 ގައި މި ދެޓީމު ބައްދަލު ކުރަން ޖެހޭނީ އޮސްޓްރިއާ އަދި ޔޫކްރެއިނާއެވެ. އަދި އަންދާޒާ ކުރެވޭ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީ ބައްދަލު ކުރަން ޖެހޭނީ ވަރުގަދަ ބެލްޖިއަމާވެ. އެއީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެޓީމު ވެސް ގަދަ 16 އަށް ދަތުރުކޮށް، ރައުންޑް އޮފް 16 މެޗުން މޮޅުވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް ދާއިރު އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ވެސް އޭނާގެ އެންޖެރީން ރަނގަޅުވެ އަލުން ޓީމާއި ބައިވެރި ވެވޭނެ ކަމަށް ބެލެވެ އެވެ. ޕީއެސްޖީގެ މިޑްފީލްޑާރު ވެރާޓީ ނެތަސް އިޓަލީގެ ފުރަތަމަ ދެ މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އެހާމެ ފުރިހަމަ ނަތީޖާއެއް ހޯދާފަ އެވެ. އަދި އޭނާ ނެތްކަމުގެ ފަޅުކަން އިހުސާސްވިއަ ނުދީ ޓީމުން ވަނީ އިދިކޮޅު ޓީމުތަކަށް ވަރުގަދަ ފައިޓެއް ދީފަ އެވެ.
ވެރާޓީއަށް ވެސް ކްއާޓާ ފައިނަލުގައި ޓީމާއި ގުޅެވޭނެ ކަމަށް ބެލެވޭ އިރު އިޓަލީގެ ކޯޗު މަންސީނީ އަށް މިހާރު އޮތީ އެންމެ ބިރެކެވެ. އެއީ ޓީމުގެ ކެޕްޓަން ކިއެލީނީއަށް ރޭ ކުޅުނު މެޗުގައި އަނިޔާވެފައި ވުމެވެ. ރޭގެ މެޗުގައި 36 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރުގެ ހެމްސްޓްރިން އަނިޔާއާ އެކު އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ބަދަލު ކޮށްފަ އެވެ. މެންސިނީ ބުނީ ކިއެލިނީގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މުބާރާތަށް ތައްޔާރު ވުމަށް ލިބުނު ވަގުތު މަދު ވުމުގެ ސަބަބުން ގިނަ ޓީމުތަކަށް ވަނީ އެންމެ ފުރިހަމައަށް މުބާރާތަށް ތައްޔާރު ނުވެވިފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ މެއި މަހު ޓީމާއި ހަވާލުވި މެންސިނީ ވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އައި އިޓަލީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރު ކޮށްފަ އެވެ.
މި އަހަރު އިޓަލީ ކުޅުނު ހަތް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަދި ޔޫރޯގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ގޯލާއި ހަ ޕޮއިންޓާ އެކު މުބާރާތުގެ ދެވަނަ ބުރަށް އެންމެ ފުރަތަމަ ދަތުރުކުރީ ވެސް އިޓަލީ އެވެ.
ތާރީހަށް ބަލާއިރު، މަދުވެގެން ދެ ގޯލުގެ ފައިދާ އާއެކު މުބާރާތުގެ މެޗުތައް ކާމިޔާބުކޮށް ޔޫރޯ ކާމިޔާބު ކޮށްފައި ވަނީ މިހާތަނަށް ދެ ޓީމެކެވެ. އެއީ 1984 ވަނަ އަހަރު ފްރާންސާއި 1996 ވަނަ އަހަރު ޖަރުމަނެވެ.
މި ޔޫރޯގައި އިޓަލީގެ ފަރާތުން ފެންނަ މޮޅު ކުޅުމަށް ބަލައި، ފްރާންސް އަދި ޖަރުމަނާއި އެކު ތާރީހުގެ ތެރެއަށް ވަނުމުގެ ފުރުސަތު އިޓަލީއަށް ވެސް އެބައޮތެވެ. ސުވާލަކީ ފަސޭހަ ކަމާއި އެކު ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދިޔަޔަސް ވަރުގަދަ ބެލްޖިއަމް، ފްރާންސް އަދި ޕޯޗުގަލް ފަދަ ޓީމުތަކުގެ ކުރިމަތީގައި އިޓަލީގެ ޑިފެންސް ލައިނަށް ކެތް ކޮށްލެވޭނެތޯ އެވެ.