ހަބަރު

"ނެޓްފްލިކްސް ގީކްޑް" ގައި އާ ޝޯތަކެއް އިއުލާންކޮށްފި

ނެޓްފްލިކްސް އިން ސައިފައި އަދި ފެންޓަސީ ޝޯތަކެއް ނެރެން "ނެޓްފްލިކްސް ގީކްޑް" މެދުވެރިކޮށް އިއުލާން ކޮށްފި އެވެ.

ނެޓްފްލިކްސް ގީކްޑްގެ ޓްވިޓާ އެކައުންޓުން ވަނީ "ގީކްޑް ވީކް" ގެ ފަސް ވަނަ ދުވަހު، އާ ހަތް ޝޯއެއް ދައްކާލާފަ އެވެ. އަދި ދެ ޝޯއަކާއި ބެހޭ އާ މައުލޫމާތުތަކެއް ފޯރު ކޮށްދީފައިވެ އެވެ.

މި ޝޯތަަކުގެ ތެރޭގައި ހިމެނޭ ގިނަ ޝޯ ތަކަކީ ގޭމްތަކުގެ ގޮތުގައި މަޝްހޫރު ވެފައިވާ ފްރެންޗައިސްތަކަށް ނިސްބަތްކޮށް އުފައްދާ ޝޯތަކެވެ.

ހިއްސާކުރި ޝޯތައް

  • އާކޭން
  • ދަ ކަޕްހެޑް ޝޯ
  • ކާސަލްވޭނިއާ ގެ ސްޕިން އޮފް ޝޯ
  • ސްޕްލިންޓާ ސެލް
  • ފާ ކްރައި
  • ކެޕްޓަން ލޭޒާހޯކް
  • ރެސިޑެންޓް އީވަލް

އެންމެ ފާހަގަކޮށްލެވޭ އެއް ޝޯއަކީ ކާސަލްވޭނިއާއަށް ނިސްބަތްކޮށް ނެރެން ހަމަޖެހިފައވާ ސްޕިން އޮފް ޝޯ އެވެ. މާގިނަ ތަފްސީލެއް މި ޝޯއާއި ބެހޭގޮ ތުން ހިއްސާ ކޮށްފައެއް ނުވެ އެވެ.

ނެޓްފްލިކްސްގެ ޓްވީޓްގައި ވަނީ މި ޝޯގައި ފެނިގެންދާ މައިގަނޑު ކެރެކްޓާއަކީ ކާސަލްވޭނިއާގައި އުޅުނު މައި ދެ ކެރެކްޓާ ކަމަށްވާ ޓްރެވާ އަދި ސައިފާގެ ދަރި ރިޗާ ބެލްމޮންޓް ކަމަށް ބުނެފަ އެވެ. އެނިމޭޓެޑް ޝޯއެއްގެ ގޮތުގައި ތައްޔާރުކުރާ މި ޝޯ ކުރިއަށް ދާނީ ފްރާންސް ރިވޮލިއުޝަންގެ ދުވަސްވަރު ހިނގައިދިޔަ ކަންތައްތަކެއްގެ މައްޗަަށެވެ. ކާސަލްވޭނިއާ އަކީ އެމެރިކާއިން އުފައްދާފައިވާ އެނިމޭޓެޑް ޝޯ އެކެވެ. އަދި މި ޝޯ އަކީ ކޮނާމީ އިން އުފައްދާ ކާސަލްވޭނިއާ ގޭމަށް ނިސްބަތްކޮށް އުފައްދާފައިވާ ޝޯއެކެވެ.

ވީޑިއޯ ގޭމް ޝޯތައް ގިނަވަމުންދާއިރު ނެޓްފްލިކްސް އިން ވަނީ ކުރިން ޑޯޓާ އަށް ނިސްބަތްކޮށް ޝޯއެއް ނެރެފަ އެވެ. ނަމަވެސް މިފަހަރު ވަނީ އާކޭންގެ ނަމުގައި ލީގް އޮފް ލެޖެންޑްސް ގޭމް އަށް ނިސްބަތްކޮށް އެނިމޭޓެޑް ޝޯއެއް އިއުލާންކޮށްފަ އެވެ. އަދި މިޝޯގެ ޓީޒާ މިހާރު ވަނީ އާންމު ކޮށްފަ އެވެ. މި އަހަރުގެ މާޗް މަހު ނެރެން ގަސްދު ކޮށްފައި އޮތް މި ޝޯ ވަނީ ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ. އެކަމަކު ނެރޭނެ ވަކި ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

ގީކްޑް ވީކްގައި ދައްކާލި ޝޯ ތަކުގެ ތެރޭގައި "ދަ ކަޕްހެޑް ޝޯ" ވެސް ހިމެނެ އެވެ. މި ޝޯ އަކީ ވެސް ގޭމަކަށް ނިސްބަތް ކޮށް ހަދާ ޝޯ އެކެވެ. މި ގޭމްގެ މައިގަނޑު ކެރެކްޓާ ކަމަަށްވާ ކަޕްހެޑް އަދި އޭނާގެ ބޭބެ މަގްމޭން މި ޝޯއިން ފެނިގެންދާނެ އެވެ. މި ޝޯގެ ކާސްޓް އަދި އާ ކްލިޕްތަކެއް ދައްކާލާފައިވާއިރު ނެރޭނެ ވަކި ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

މި އިވެންޓްގެ ތެރެއިން ފާކްރައި ގޭމް ސީރީޒަށް ބިނާކޮށް އުފައްދާ ދެ ޝޯއެއް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. ޝޯތަކުގެ ތެރޭގައި ނަމެއް އަދި ދީފައި ނުވާ ފާކްރައި ސީރީޒަކާއި ކެޕްޓަން ލޭޒާހޯކްގެ ނަމުން ނަން ދީފައިވާ ޝޯއެއް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. މީގެއިތުރުން ސްޕްލިންޓާސެލް އަދި ރެސިޑެންޓް އީވަލް ޝޯއެއް ވެސް ވަނީ އިއލާން ކޮށްފަ އެވެ.

ޓޮމް ކްލޭންސީގެ ސްޕްލިންޓާސެލްގެ ފުރަތަމަ އާޓްވޯކް ދައްކާލާފައިވާއިރު، ރެސިޑެންޓް އީވަލްގެ ކާސްޓް ވެސް ވަނީ ދައްކާލާފަ އެވެ.

އާންމުންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ ވިޗާ ސީރީޒްގެ ދެވަނަ ސީޒަންގެ ޓީޒާ އެއްވެސް ވަނީ ގީކްޑް ވީކްގެ ތެރެއިން ދައްކާލާފަ އެވެ. މި ޝޯ އަކީ މަޝްހޫރު ވާހަކަ އަދި ގޭމް ސީރީޒް ވިޗާ އަށް ނިސްބަތްކޮށް ހަދާފައިވާ ޝޯ އެކެވެ. މިޝޯގެ ޓީޒާ ދައްކާލާފައިވާއިރު ޝޯއާއި ބެހޭ އިތުރު މައުލޫމާތުތައް ޖުލައި މަހުގެ ނުވަވަނަ ދުވަހު ސީޑީ ޕްރޮޖެކްޓް ރެޑް ސްޓޫޑިއޯއާއި އެކު ނެޓްފްލިކްސް އިން ވިޗާ-ކޮންގެ ނަމުގައި ބާއްވާ އިވެންޓްގައި އިއުލާން ކުރާނެ އެވެ.

ވީޑިއޯ ގޭމް ޝޯ ތަކުގެ އިތުރުން ރާއްޖޭގައި ވެސް ގިނަ ބަޔަކު ބަލަމުން ގެންދާ ޝޯއެއް ކަމުގައިވާ ސްޓްރޭންޖާ ތިންގްސްގެ ހަބަރެއްވެސް ގީކްޑް ވީކްގައި ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ސްޓްރޭންޖާ ތިންގްސްގެ ކްރޮސްއޯވާއެއް ވަނީ މި އިވެންޓްގެ ތެރެއިން އިއުލާން ކޮށްފަ އެވެ. މި ކްރޮސް އޯވާ އަކީ ސްޓްރޭންޖާ ތިންގްސް އާއި ސްމައިޓްގެ ކްރޮސްއޯވާ އެކެވެ. ސްމައިޓް ގޭމަށް ސްޓްރޭންޖާ ތިންގްސްގެ ކެރެކްޓާސް ގެންނަ މި ކްރޮސްއޯވާގެ ޓްރެއިލާވެސް ވަަނީ މިއިވެންޓްގައި ދައްކާލާފަ އެވެ. ސްމައިޓް ގޭމަށް ގެނެވޭ މި އަޕްޑޭޓް ގެންނަން ނިންމާފައިވަނީ ޖުލައި 13 ވަނަ ދުވަހު އެވެ.

މި އިވެންޓްގައި ދައްކާލި ގިނަ ޝޯތަކެއް މިއަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އަށް އަންނާނެ އެވެ. އަދި ބައެއް ޝޯ ތައް މިއަންނަ އަހަރު ވެސް ނެޓްފްލިކްސް އިން ފެނިގެން ދާނެ އެވެ.