ރައީސް އޮފީސް

ގެދޮރުވެރިޔާ ޕްރޮޖެކްޓް ފަށަނީ 170 މިލިއަން ރުފިޔާއިން

"ގެދޮރުވެރިޔާ ލޯނު ސްކީމް" ފަށައިގަންނައިރު ކަނޑައަޅާފައި ވަނީ 170 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. އެއީ ހަ ޕަސެންޓް އިންޓްރެސްޓްގަ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އާންމުގޮތެއްގައި މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ވަކި އަދަދެއް ކަނޑައަޅައިގެން ވަކި މުއަދަތަކަށް ކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓް ހިންގާ ގޮތް ތަފާތު ވާނެ ކަމަށާއި މި ޕްރޮޖެކްޓް ހިންގާނީ ފައިނޭންސިން ޕްރޮގްރާމެއް ގޮތަށެވެ.

މިހާރު ކަނޑައަޅާފައިވާ ފައިސާގެ އިތުރުން ކުރިއަށްހުރި އަހަރުތަކުގައި މި ބަޖެޓަށް ފައިސާ އިތުރުވަމުން ދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"މިއަށް ވަންނާނެ އެހެން މީހުން ނަގާފައިވާ ފައިސާތަކުގެ ތެރެއިން ދައްކާ ފައިސާއާއި ސަރުކާރުންވެސް އިތުރަށް މިއަށް އިންޖެކްޓް ކުރަމުން ދާނެ. މިއީ ދިގު މުއްދަތަކަށް ހިންގޭ މިފަދަ ފުރަތަމަ ޕްރޮގްރާމް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިއީ ފަސޭހައިން ލޯނު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށާއި މިހާ ފަސޭހައިން ލޯނު ލިބޭ ސްކީމެއް މީގެ ކުރިން ތައާރަފްކޮށްފައި ނުވާނެ ކަމަށެވެ. މިއީ ރަށްރަށަށް މިފަދަ ފައިސާއެއް ގެދޮރު އަޅަން ދިނުމާއި ހިނގަމުންދާ ޕްރޮސެސްގައި އޮންނަ ގޮތަށް ހިންގާ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މި ލޯނު ދޫކުރުމުގައި އެންމެ މުހިންމު ކަމަކަށް ބަލާނީ އެރަށެއްގައި ދިރިއުޅޭ މީހުންނަށާއި އެކަނިވެރި މައިންނަށް ކަމަށެވެ. މަބްރޫކް ވިދާޅުވީ އެކެއްގެ ބަދަލުގައި ދެ މީހަކު ސޮއިކުރުމަށްފަހު އޭގެ ތެރެއިން އެކަކު ގެރެންޓާއެއްގެ ގޮތުގައި ވެސް މި ލޯން ސްކީމުގައި ބެހެއްޓޭނެ ކަމަށެވެ. މިއީ ހުރިހާ ގޮތަކުން ވެސް ފަސޭހަ ސްކީމެއް ކަމަށް ފާހަގަކުރެއްވި އެވެ.

މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހެނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ.

އަދި ލޯނަށް އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 6،000 ރުފިޔާ އަށް ވުރެ ކުޑަ އަދަދެކެވެ. 15 އަހަރަށް ބަހާލައިގެން ދައްކާނަމަ މަހަކަށް ދައްކަން ޖެހެނީ 5،907 ރުފިޔާ އެވެ. 16 އަހަރުން ނަމަ 5،680 ރުފިޔާ އެވެ. 17 އަހަރުން ނަމަ 5،482 ރުފިޔާ ދައްކަން ޖެހެ އެވެ. 18 އަހަރުން ދައްކާނަމަ މަހަކަށް ޖެހެނީ 5،307 ރުފިޔާ އެވެ. އަދި 19 އަހަރުން ދައްކާނަމަ 5،153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5،015 ރުފިޔާ އެވެ.