ޔޫއެފާ ޔޫރޯގެ ގްރޫޕު ސީ ގައި މިރޭ ނެދަލޭންޑްސް އާއި އޮސްޓްރިއާ ނިކުންނާނީ ގްރޫޕުގެ އެއްވަނަ ހޯދުމުގެ ހަނގުރާމަ އަކަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ދެ ޓީމުވެސް މޮޅުވެފައި ވާއިރު އޮސްޓްރިއާ ގްރޫޕުގެ އެއް ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެހެންކަމުން މެޗުން އެއްވަރު ކޮށްގެން ނަމަވެސް ގްރޫޕުގެ އެއްވަނަ ދިފާއު ކުރުމަށް އޮސްޓްރިއާއިން މަސައްކަތް ކުރާނެ އެވެ. އަދި މިރޭގެ މެޗުން މޮޅުވެ، ގްރޫޕުގެ އެއްވަނަ އަށް އެރުމަށް މި މެޗުގައި ނެދަލޭންޑްސް އިން މަރުދޭނެ އެވެ.
ނެދަލޭންޑްސްގެ ކޯޗު ފްރެންކް ޑިބުއާ އަށް މި މެޗުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ އެންމެ މުހިއްމު އެެއް ކުޅުންތެރިޔާ، ޑިލައިޓް އަށް މި މެޗުގައި ކުޅެވުމެވެ. އޭނާ މިހާރު ޓީމުގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވާކަން ފާހަގަކުރަމުން ފްރެންކް ބުނީ އޭނާއާ އެކު ގޯލު ޖެހުމަށް ގިނަ ފުރުސަތު ތަކެއް ފަހި ވެގެން ދާނެ ކަމަށެވެ. އަދި އޮސްޓްރިއާ އަކީ ފާއިތުވި އަހަރު ތަކުގައި ކުރިއަރަމުން އައިސްފައިވާ ޓީމު ވޯކް ވަރުގަދަ ޓީމެއްގެ ގޮތުގައި ފްރެންކް ވަނީ ފާހަގަކޮށްފަ އެވެ.
ފުރަތަމަ މެޗުގެ ތާރީހީ މޮޅާއެކު އެއް ކަމެއް ވަރަށް ސާފު ކަމަށް އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޮޑާ ބުންޏެވެ. އެއީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމަށް އިތުރު ޕޮއިންޓް ތަކެއް ޓީމަށް ބޭނުންވާ ކަމެވެ. އެހެންކަމުން އިތުރު ޕޮއިންޓް ހޯދުމަކީ ޓިމުން ކުރަން ޖެހޭ ހަމައެކަނި މަަސައްކަތުގެ ގޮތުގައި ފްރެންކޯ ފާހަގަ ކުރި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޔުކްރެއިން އަތުން މޮޅުވުމަކީ ނެދަލޭންޑްސް އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ފުރަތަމަ މެޗުގައި ކުޅުނު ގޮތަށް ރަނގަޅަށް ޑިފެންސް ކޮށްފައި، ކައުންޓާ އެޓޭކް ވަރުގަދަ ކުރުން ނެދަލެންޑްސް އަށް މުހިންމެވެ. އޭރުން އެމީހުންގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޖޯހަން ކްރައިފް އެރީނާގައި މިރޭ ނެދަލެންޑްސް މޮޅުވުން ވަރަށް ކައިރި އެވެ.
އަނެއް ކޮޅުން ތާރީހީ މޮޅަކާއެކު އޮސްޓްރިއާ ވެސް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ގްރޫޕުގެ އެއްވަނައިގައި އޮތުމުން ޕްރެޝާ ކުޑަވެފައި މި މެޗުން އެއްވަރު ވެގެންވެސް ފަރުޖައްސާލެވެން އޮސްޓްރިއާ އަށް އެބައޮތެވެ.
މިހާތަނަށް ބައިނަލްއަގުވާމީ 18 މެޗެއްގައި މި ދެޓީމު ބައްދަލު ކޮށްފައިވާއިރު މީގެތެރެއިން އަށް މެޗު ކާމިޔާބު ކޮށްފައިވަނީ ނެދަލެންޑްސް އިންނެވެ. އަދި އޮސްޓްރިއާ އިން ވަނީ ހަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެއްވަރު ވެފައިވަނީ ހަތަރު މެޗުންނެވެ.