ކުޅިވަރު

ބެލްޖިއަމް ކުރިޔަށް، ޑެންމާކް ނޭވާހޮޅިއަށް

ބަދު ނަސީބު ގޮތްތަކެއް މެދުވެރިވެ ހާސްކަމުގެ ތެރޭގައި އޮތް ޑެންމާކު ބަލިކޮށް ބެލްޖިއަމް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހި ގާތްގަނޑަކަށް ދެވަނަ ބުރު ކަށަވަރުކޮށްފި އެވެ.

ބެލްޖިއަމް މޮޅުވި ނަމަވެސް މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދާފައި ވަނީ ޑެންމާކުންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ޑެންމާކަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޕައުލްސަން އެވެ. ނަމަވެސް ދެވަނަ ހާފުގައި ބެލްޖިއަމްގެ ހަމަލާތައް ވަރުގަދަކޮށް، 54 ވަަނަ މިނެޓުގައި ކެޕްޓަން އެޑެން ހަޒާޑްގެ ކޮއްކޮ ތޯގާން ހަޒާޑް ވަނީ ބެލްޖިއަމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި މެޗުން މޮޅުވި ލަނޑު ބެލްޖިއަމަށް ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ތަރި ކެވިން ޑިބްރައިނާ އެވެ. އޭނާ ކުޅެން ނުކުތީ ފަހުހާފުގަ އެވެ. އޭގެ ކުރިން ކެޕްޓަން ހާޒާޑްވެސް ވަނީ ނުކުމެފަ އެވެ.

ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ބެލްޖިއަމުންނެވެ. ނަމަވެސް ކައުންޓާ އެޓޭކް ވަރުގަ ދަކޮށް ޑެންމާކުން ވަނީ ގިނަ ހަމަލާތަކެއް ބެލްޖިއަމްގެ ގޯލަށް ފޮނުވާލާފަ އެވެ. ޑެންމާކުން 16 ހަމަލާ ބެލްޖިއަމްގެ ގޯލަށް ދިން އިރު ބެލްޖިއަމަށް ދެވުނީ ތިން ހަމަލަ އެވެ.

ވަރަށް ފޯރި ގަދަ މި މެޗުގައި ޑެންމާކުގެ ކުޅުންތެރިން ހުއްޓުވުމަށް ބެލްޖިއަމުން ވަނީ ގިނަ ފައުލުތަކެއް ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް މިރޭވެސް ޑެންމާކަށް ނަސީބުގެ އެހީ ނުލިބި ވަނީ ބަދު ނަސީބުގެ ރެއަކަށް ބަދަލުވެފަ އެވެ.

ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ދެ މެޗު ކުޅެފައި ވާއިރު، ބެލްޖިއަމަށް އެއްވަނަ ލިބެނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ރަޝިޔާ އާއި ފިންލެންޑަށް ތިން ޕޮއިންޓު ލިބިފައި ވާއިރު، ރަޝިޔާ ދެ ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފިންލެންޑް އޮތީ ގްރޫޕުގެ ތިން ވަނައިގަ އެވެ. އަދި ކުޅުނު ދެ މެޗުން ބަލިވެ، ޑެންމާކު އޮތީ ޕޮއިންޓަކާ ނުލައި ގުރޫޕުގެ ފުލުގަ އެވެ.

ބެލްޖިއަމާ ދެކޮޅަށް ނުކުތް އިރުވެސް ޑެންމާކު އޮތީ ހާސް ކަމުގެ ތެރޭގަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު ފަހުން އެނބުރި ޓީމާ ގުޅިފައި ނުވުމާއި އެ ފުރުސަތުވެސް ކުޑަވެފައި ވުމެވެ. މިރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ކުޅުން ހުއްޓުވާލައި އެރިކްސަނަށް ހިތްވަރު ދިނުމުގެ ގޮތުން މިނެޓެއް ވަންދެން އަތްތިލަ ބަޑި ޖަހާފައި ވެއެވެ.