ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މިހާތަނަށް ވެސް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަޔާނެއްގެ މިންވަރު ވެސް ނެރެފައި ނެތް ކަން ފާހަގަ ކޮށް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޕާޓީގެ މި ކަންބޮޑުވުން އައީ ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ޖަލްސާއަކީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރި ވުމަށް އެމްޑީޕީން އުފެއްދި "މޭ ހައެއް ކޮމެޓީ" އިން މިދިޔަ ހަފުތާގައި ހޯދި މައުލޫމާތުތައް އާންމު ކުރުމަށް ބޭއްވި ބައްދަލްވުމެކެވެ.
މި ބައްދަލްވުމުގައި ކޮމެޓީގެ ޗެއާ ހަސަން އަފީފު ވަނީ މިހާތަނަށް ހޯދި މައުލޫމާތުތަކުގެ ޓައިމްލައިނެއް އާންމު ކުރައްވާފަ އެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ހަސަން ވަނީ ޖަވާބު ވެސް ދެއްވާފަ އެވެ.
ބައްދަލްވުމުގައި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކޮމިޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އަމަލު ކުރި ގޮތާއި އަދި ކަންބޮޑުވުން ފާޅުކުރި މިންވަރު ދެނެގަނެވިފައިވޭތޯ ކޮމެޓީއާ ސުވާލު ކުރައްވާފަ އެވެ. އަދި ކަމާބެހޭ ކޮމިޝަންތަކުން ހިމޭނުން އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން އަފީފު ވިދާޅުވީ "ހައެއް ފަހެއް" ގެ ހަމަލާއާ ގުޅިގެން "އެޗްއާރުސީއެމުން އެންމެ ކުޑަމިނުން ބަޔާނެއް ވެސް ނެރުއްވާފައިވާކަން އެނގިވަޑައިގެންފައިނުވާ" ކަމަށެވެ. އިންސާނެއްގެ ފުރާނައަކީ އެންމެ ބޮޑު ހައްގު ކަމަށްވީއިރު މީހެއްގެ ފުރާނަ ދުއްވާލަން ދެވޭ ހަމަލާއަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްލަން ނުކުރޭ ކޮމިޝަނެއް އެއީ މަސްްއޫލިއްޔަތު އަދާ ކުރާ ކޮމިޝަނެއްގެ ގޮތުގައި ދެކޭނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"މީހާގެ ފުރާނަ އެއީ އެންމެ ބޮޑު ހައްގަކީ. މީހާގެ ފުރާނަ ދުއްވާލަން ދޭ ހަމަލާއެއް އެއީ ކުށްވެރިކޮށްލަން ކުރޭ ކަމަށް ވަންޏާ އެއީ އަޅުގަނޑުމެންނަށް ހިއުމަންރައިޓްސް ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރައްވާ ކަމަށް އަދި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް އަޅުގަނޑުމެން ކިހިނެތްތޯ ބަލައިގަންނާނީ،" އަފީފު ވިދާޅުވިއެވެ.
ބައްދަލުވުމުގެ ބައިވެރިން ވަނީ ކޮމެޓީއާ ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރެވިފައިވޭތޯ ވެސް ސުވާލު ކުރި އެވެ. އަފީފު ވިދާޅުވީ ބައްދަލު ކުރަން އެދި ފުލުހަށް ސިޓީ ފޮނުވާފައިވާ ކަމަށާ އުންމީދަކީ ވީހާވެސް އަވަހަށް ބަދަލުވުން ކަމަށެވެ.
މި ބައްދަލްވުން ނިންމަވާލައްވަމުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ފޯކަސް ގެއްލުވާލަން އުޅޭ ބަޔަކު އެކި ތަންތަނުގައި ތިބިކަން އެނގިވަަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން މި ޕާޓީން ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ކުރަން ޖެހޭ މަސައްކަތެއް ހުއްޓިގެނެއް ނުދާނެ. އަދި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ހުއްޓުވައެއް ނުވެސްލެވޭނެ މެ. އަޅުގަނޑުމެންގެ އަމާޒު ދިމަދިމާއަށް ބަދަލު ކޮށްލުމަށްޓަކައި މަސައްކަތް ކުރާނެ މީހުން އެކި ދިމަދިމާލުގައި ތިބޭނެކަން އަޅުގަނޑުމެންނަށް އެނގޭ. އެކަން ދެނެހުރެ ތިބެ މި މަސައްކަތް ކުރަމުން އަޅުގަނޑުމެން ގެންދާނީ. އަޅުގަނޑުމެންގެ ފޯކަސް އެހެން ދިމަދިމާއަށް ބަދަލު ކޮށްލައިގެން ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކަ ފަނޑު ކޮށްލުމަށްޓަކައި މަސައްކަތް ކުރާނެ ބޭފުޅުން އެކިތަންތަނުގައި ތިއްބަވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީން އެހެން ބުނިނަމަވެސް ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ހަމަ އޭ ރޭ އެޗްއާރުސީއެމުން ވަނީ އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ. އަދި އެކަން މީޑިއާތަކުގެ ސަމާލު ކަމަށް ގެނައެވެ.