އެޗްއާރްސީއެމް

ހައެއްފަހެއްގެ ހަމަލާ: އަހަރެމެން ބެލިން، ތިން ޓްވީޓް ކުރިން

Jun 18, 2021
3

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ މިހާތަނަށް ވެސް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަޔާނެއްގެ މިންވަރު ވެސް ނެރެފައި ނެތް ކަމަށް އެމްޑީޕީގެ "ހައެއް މެއި ކޮމެޓީ" ން ބުނުމާއި ގުޅިގެން އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ރައްދު ދީ ބަޔާނެއް ނެރެފި އެވެ.

ޒިންމާ އަދާކުރާ ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުން އޮތް ކޮމިޝަނުން މިހެން ބުނެފައި ވަނީ އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ފަހެއް ހައެއްގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރި ވުމަށް އެމްޑީޕީން އުފެއްދި "މޭ ހައެއް ކޮމެޓީ" އިން މިދިޔަ ހަފުތާގައި ހޯދި މައުލޫމާތުތައް އާންމުކުރިއިރު އެޗްއާރުސީއެމްގެ ޒިންމާ އަދާކޮށްފައިނުވާ ކަމަށް އެ ކޮމެޓީގެ ޗެއާ ހަސަން އަފީފް ވިދާޅުވުމާއި ގުޅިގެންނެވެ.

ބައްދަލްވުމުގައި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމަށް ކުރިއަށް އޮތް ދާއިރާގައި ވާދަކުރައްވާ އަދި ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކޮމިޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އަމަލު ކުރި ގޮތާއި އަދި ކަންބޮޑުވުން ފާޅުކުރި މިންވަރު ދެނެގަނެވިފައިވޭތޯ ކޮމެޓީއާ ސުވާލު ކުރައްވާފަ އެވެ. އަދި ކަމާބެހޭ ކޮމިޝަންތަކުން ހިމޭނުން އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

އެކަމާ ގުޅޭގޮތުން އަފީފު ވިދާޅުވީ "ހައެއް ފަހެއް" ގެ ހަމަލާއާ ގުޅިގެން "އެޗްއާރުސީއެމުން އެންމެ ކުޑަމިނުން ބަޔާނެއް ވެސް ނެރުއްވާފައިވާކަން އެނގިވަޑައިގެންފައިނުވާ" ކަމަށެވެ. އިންސާނެއްގެ ފުރާނައަކީ އެންމެ ބޮޑު ހައްގު ކަމަށްވީއިރު މީހެއްގެ ފުރާނަ ދުއްވާލަން ދެވޭ ހަމަލާއަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްލަން ނުކުރޭ ކޮމިޝަނެއް އެއީ މަސްްއޫލިއްޔަތު އަދާ ކުރާ ކޮމިޝަނެއްގެ ގޮތުގައި ދެކޭނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"މީހާގެ ފުރާނަ އެއީ އެންމެ ބޮޑު ހައްގަކީ. މީހާގެ ފުރާނަ ދުއްވާލަން ދޭ ހަމަލާއެއް އެއީ ކުށްވެރިކޮށްލަން ކުރޭ ކަމަށް ވަންޏާ އެއީ އަޅުގަނޑުމެންނަށް ހިއުމަންރައިޓްސް ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރައްވާ ކަމަށް އަދި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް އަޅުގަނޑުމެން ކިހިނެތްތޯ ބަލައިގަންނާނީ،" އަފީފު ވިދާޅުވިއެވެ.

އެ ކަމާއި ގުޅިގެން ކޮމިޝަންގެ ޒިންމާ އަދާކުރިކަން ހާމަކޮށް ދިނުމަށް މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މެއި ހަވަނަ ދުވަހުގެ ރޭ 9:00 ގައި އެޗްއާރުސީއެމްގެ ޓީމެއް ހޮސްޕިޓަލަށް ޒިޔާރަތް ކުރި ކަމަށެވެ. އަދި އެރޭ 11:30 އާ ހަމައަށް އެ ޓީމުން ކަން ހިނގާ ދިޔަގޮތް ބަލަމުންދިޔަ ކަމަށެވެ.

އޭގެ ފަހަށް އެ ހަމަލާ ކުށްވެރިކޮށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާ އެ ރޭ 10:25 ގައި ޓްވީޓް ކޮށްފައިވާނެ ކަމަށާ އަދި އޭގެ ފަހުންވެސް އިތުރު ޓްވީޓެއް ކޮށްފައިވާނެ ކަމަށެވެ. މެއި ހަތްވަނަ ދުވަހު ޓްވިޓާ މެދުވެރިކޮށް ނޫސްބަޔާނެއްވެސް އާންމު ކުރި ކަމަށާ ހާދިސާއާ ގުޅިގެން މައްސަލައާ ގުޅުން ހުރި ކަންކަން އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސިޓީ ކައުންސިލާއި ފުލުހާއި ޕްލޭނިން މިނިސްޓްރީ އާއި އަދި ޑިފެންސްގައިވެސް އެދިފައިވާ ކަމަށާ މިހާތަނަށް ޑިފެންސް ނޫން އެހެން އިދާރާތަކުން މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

"... ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން މި ހާދިސާއާ ގުޅިގެން މުއައްސަސާތަކުން އަމަލު ކުރާ ގޮތް ބެލުމަށް އެ ޕާޓީގެ ގަައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާއިން އެކުލަވާލި '6 މެއި ކޮމެޓީ' އަށް ހޯދުނު މައުލޫމާތު ހާމަކުރެއްވުމުގައި މި ކޮމިޝަނުގެ ރަސްމީ ޓްވިޓާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބެއްލެވުމެއް ނެތި އަދި ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު މި ކޮމިޝަނުން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކުރެއްވުމެއް ނެތި ހަގީގަތާއި ހިލާފު މައުލޫމާތު އާންމު ކުރައްވާފައިވާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރަން،" އެމްޑީޕީގެ ގައުމީ މަޖިލީހުން އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން ދިފާއުގައި އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.