ހިލްޓަން އަމީންގިރި

ހިލްޓަން ރާއްޖޭގެ ހަތަރުވަނަ ރިސޯޓަކީ އަމީންގިރި

Jun 18, 2021
1

މަޝްހޫރު ހިލްޓަން ކުންފުނިން ރާއްޖޭގައި ހުޅުވާ ހަތަރު ވަނަ ރިސޯޓުގެ ގޮތުގައި ހިލްޓަން އަމީންގިރި ހުޅުވާނެ ކަމަށް ބުނެފި އެވެ.

ހިލްޓަން ކުންފުނިން ބުނި ގޮތުގައި ރާއްޖޭގެ ކޮއްދިޕަރު ލެގޫންގައި ތަރައްގީކޮށް ހުޅުވާ އަމީންގިރި ރިސޯޓުގައި 109 ވިލާ ހުންނާނެ އެވެ. އެ ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗް ބަންގަލޯތަކުގެ އިތުރުން ސުވިމިން ޕޫލްއާއެކު ހުންނަ ގިނަ ވިލާތަކެއް ވެސް ހުންނާނެ އެވެ.

ވީއައިއޭއިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ ހިލްޓަން އަމީންގިރި ރިސޯޓުގައި ސެލޫން އާއި ފިޓްނަަސް ސެންޓަރުގެ އިތުރުން ހަ ރެސްޓޯރެންޓް ވެސް ހުރެއެވެ. މީގެ އިތުރުން މި ރިސޯޓުގެ ހާއްސަ ކަމަކީ ޒުވާނުންނަށް ހާއްސަކޮށް "ޓީން އޮންލީ ޒޯނެއް" ހަދާފައި ވުމެވެ. މި ބަދަލު ހިލްޓަން ކުންފުނިން ގެންނަން ނިންމީ ރާއްޖެ އަންނަ ބައެއް މެހުމާނުން އެކަމަށް އެދެމުންދާތީ އެވެ.

ހިލްޓަން ކުންފުނިން ބުނެފައިވާ ގޮތުގައި ހިލްޓަން އަމީންގިރި ހުޅުވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ.

ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އިން ހިއްކި އަމީންގިރީގައި ހިލްޓަަން ކުންފުނިން ރިސޯޓެއް ހުޅުވާއިރު މިއީ ރާއްޖޭގައި ހުޅުވާ މި ބްރޭންޑުގެ ހަތަރު ވަނަ ޕްރޮޕަޓީ އެވެ. މި ރިސޯޓް ހެދީ ފުލުހުން ކުރިން ބޭނުންކުރި ކޮއްދިއްޕަރާ އިންވެގެން އޮތް ފަޅު ހިއްކައިގެންނެވެ.

މިހާރު އެ ކުންފުނިން ރާއްޖޭގައި ހިންގަމުން ގެންދަނީ އެނބޫދޫ ފަޅުގައި ހިންގާ ސައިލެގޫން މޯލްޑިވްސް، ކިއުރޯ ކަލެކްޝަން ބައި ހިލްޓަން ރިސޯޓުގެ އިތުރުން ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓާއި ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު އާއި މެދުއިރުމަތީގެ މަހުޖަނެއްގެ ޕާޓްނާޝިޕްގައި ހުޅުވި ހިލްޓަންގެ މަތީ ފަންތީގެ ބްރޭންޑް ވޯލްޑީފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓެވެ.