ދުނިޔެ

ކާބުލް އެއާޕޯޓް ބަލަހައްޓާނީ ތުރުކީން: އެމެރިކާ

އަފުޣާނިސްތާނުން ނޭޓޯ ސިފައިން ފައިބައިގެން ދިއުމަށް ފަހު ކާބުލް އެއާޕޯޓް -- ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އޮންނާނީ ތުރުކީއަށް ކަމަށް އެމެރިކާއިން ބުނެފި އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޖޭކު ސުލިވާން ވިދާޅުވީ ބައިޑަންއާ އުރުދުޣާން ބައްދަލު ކުރައްވައި ކާބުލް އެއާޕޯޓާ ބެހޭ ގޮތުން މިގޮތަށް ނިންމާފައިވާ ކަމަށެވެ.

ޖޭކު ސުލިވާން ވިދާޅުވީ ސެޕްޓެމްބަރު 11 އަށް ފަހު އެމެރިކާ އާއި ނޭޓޯ އަދި ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އަފުޣާނިސްތާނުންގައި އެއްވެސް ގައުމަކަށް ނިސްބަތްވާ ސިފައިން ނުތިބޭނެ ކަމަށާއި އެއާޕޯޓްގެ ރައްކާތެރިކަން ކަށަވަރު ކުރުން ވެސް އެއަށް ފަހު އޮންނާނީ ތުރުކީއަށް ކަމަށެވެ. އޭނާ ވިދާޅުވީ ތުރުކީއަށް އެހީތެރިވެ ދިނުމުގައި އެމެރިކާ ދެމި އޮންނާނެ ކަމަށް އުރުދުޣާންއަށް ބައިޑަން ދަންނަވާފައިވާ ކަމަށެވެ.

ބައިޑަންއާ އެކު އުރުދުޣާން ދެއްކެވި ވާހަކަތަކުގައި ކާބުލް އެއާޕޯޓް ބެލެހެއްޓުމުގައި ތުރުކީއަށް އޮތް ކަންބޮޑުވުމަކީ އެކަނިމާއެކަނި މަސައްކަތުގައި އުޅެން ޖެހުންކަން އުރުދުޣާން ފާހަގަކުރެއްވި އެވެ. ސުލިވާން ވިދާޅުވީ ރަނގަޅު ގޮތްތަކަކެއް ހަދައި ދެއްވާނެ ކަމަށް ބައިޑަން ވިދާޅުވި ކަމަށެވެ.

ނޭޓޯ ސަމިޓަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އުރުދުޣާން ވިދާޅުވީ އުންމީދަކީ ޕާކިސްތާނާއި ހަންގޭރީން ވެސް އަފްޣާނިސްތާން ބެލެހެއްޓުމުގައި ބައިވެރިވުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެ ގައުމުތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަފްޣާނިސްތާންގައި ތުރުކީ ބައިވެރި ވަނީ ހަތިޔާރާ ނުލައި ހިންގަންޖެހޭ ހަރަކާތްތަކުގަ އެވެ. އެހެންކަމުން އެމެރިކާ ސިފައިން އަދާކުރި ޒާތުގެ އެއްވެސް ކަމެއްގައި ތުރުކީ ބައިވެރިއެއް ނުވާނެ އެވެ. ތުރުކީއަށް އޮންނާނީ ކާބުލް އެއާޕޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމާއި އެއާޕޯޓަށް ދަތުރުކުރާ މަގުތަކުގެ ރައްކާތެރިކަން ދެމެހއްޓުމެވެ.

ސުލިވާން ވިދާޅުވީ ތުރުކީއަށް ކުރަން ދަތި ކަންކަމުގައި އެމެރިކާ އެހީތެރި ވެދޭނެ ކަމަށާއި ތުރުކީއަށް ނުުރެވޭ ވަރުގެ ކަމެއް އަފުޣާނިސްތާންގައި އެމެރިކާ ސިފައިން ވެސް ނުކުރާ ކަމަށެވެ.