އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ފުރުއްވި ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ހަމަ ކުރައްވައި މަގާމުން ވަކިވެވަޑައިގަތް އިރު އެމަނިކުފާނު ވަރުގެ މަޝްހޫރު މީހެއް ދުނިޔޭގައި ވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހާވެސް އެމަނިކުފާނުގެ ނުފޫޒު ސޯޝަލް މީޑިއާއަށް އޮތީ ފޯރާފަ އެވެ. އެމަނިކުފާނު ވިދާޅުވާ ކޮންމެ ބަސްފުޅެއް، އެމަނިކުފާނު ކުރައްވާ ކޮންމެ އިޝާރާތެއް ވެސް ސޯޝަލް މީޑިއާގައި މީމްސް ހަދައިގެން މީހުން އެހާ މަޖާ ނަގަ އެވެ.
ދުނިޔޭގެ ގިނަ މީހުންނާއި އެމަނިކުފާނުގެ ޚިޔާލުގެ ތަފާތު ކަމުން އެމަނިކުފާނު ދައްކާ ކޮންމެ ވާހަކަފުޅަކީ ވެސް އިންތިހާއަށް ފާޑުކިއުމާއި މަލާމާތް ރައްދުވަމުން ދިޔަ ވާހަކަފުޅު ތަކަކަށް ވިއެވެ.
އެންމެ ފަހުން އެމަނިކުފާނުގެ މެސެޖުތައް މާ އަނިޔާވެރިކަމަށް ބުނެ ޓުވިޓާއިން ވަނީ އެމަނިކުފާނު ސަސްޕެންޑްކޮށްފަ އެވެ. އެހެންކަމުން މިހާރު ޓްރަމްޕް ޓުވިޓާއަކު ނޫޅުއްވާނެ އެވެ. ފޭކް އައިޑީއެއްގައި ނޫޅުއްވާ ކަމެއް ނޭނގެ އެވެ.
ނަމަވެސް ޓުވިޓާގައި އަނެއްކާވެސް މިހާރު ޓްރަމްޕްގެ ޓްރެންޑެއް ވަރަށް ހަލުވިކަމާއެކު އެބަ ފެތުރެއެވެ. އެކަމަކު އަސްލު ޓްރަމްޕެއް ނޫނެވެ. ޓްރަމްޕް އާ ވަރަށް ވައްތަރު ގޮތްތަކެއް ހުރި ޕާކިސްތާނު މީހެކެވެ. މިއީ ޕާކިސްތާނުގެ މަގެއްގެ މަތީގައި އައިސްކްރީމް ވިއްކަން އުޅޭ މީހެކެވެ.
އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާކުރީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަދި އެކްޓިވިސްޓް ކަމަށްވާ ޝެހެޒާދް ރޯއީ އެވެ. ޝެހެޒާދު މިމީހާގެ ފޮޓޯ ޓުވީޓްކުރީ އޭނާއާ ޓްރަމްޕްއާ ވައްތަރު ކަމަކުން ނޫނެވެ. އައިސްކްރީމް ވިއްކަން ހުންނައިރު އޭނާ ލަވަކިޔާލެއް ރީތި ކަމުންނެވެ. ޝެހެޒާދުގެ ޕޯސްޓުގައި އޭނާ އެދިފައި ވަނީ އައިސްކްރީމް ވިއްކާ ބޭބެއަށް ކޮންމެ މީހަކުވެސް ވެވުނު އެހީތެރިކަމެއް ފޯރުކޮށް ދިނުމަށެވެ.
ނަމަވެސް މި ޕޯސްޓު ޝެއާ ކުރުމާއެކު މީހުންގެ ޝައުގުވެރިކަން މި މީހާއަށް ހުއްޓުނީ އޭނާ ރީތިކޮށް ލަވަކިޔާތީ އެއް ނޫނެވެ. އޭނާ އާ ޑޮނަލްޑް ޓްރަމްޕް އާ ވައްތަރު ވެގެންނެވެ. ހުރިހާ މީހުން ވެސް އެއްބަސްވާ ގޮތުގައި މި މީހާ ހަގީގަތުގައި ވެސް ޓްރަމްޕް އާ ވަރަށް ވައްތަރެވެ.
އެއްބަޔަކު ބުނީ ގެއްލިގެން އުޅޭ ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނުން ފެނިއްޖެ ކަމަށެވެ. އެޑިޑަސް ނުލިބޭ ތަނެއްގައި އެޑިބަސް ވެސް ރަނގަޅުވާނެކަމަށް އަނެއް ބަޔަކު ބުނެ ބްރޭންޑްތަކުގެ ފޭކް ހަދައިގެން ވިއްކާ މައްސަލައަށް އިޝާޜާތްކޮށް ޖޯކު ޖެހި އެވެ.
އަނެއްބަޔަކު ބުނީ މިހާރު ދެން އައިސްކްރީމް ކާހިތްވެސް މާ ބޮޑަށް ވެއްޖެ ކަމަށެވެ.
ރައީސްކަމުން ވަކިވެ ވަޑައިގަތުމަށްފަހު ޑޮނަލްޑް ޓްރަމްޕް ވަޑައިގަތް ތަނެއް ނޭނގިގެން އުޅޭ މީހުން ޕާކިސްތާން ޗެކްކޮށްލަން ވެސް ބައެއް މީހުން އެދިފައި ވެއެވެ.