ދުނިޔޭގެ ރެކޯޑެއް ހެދުމަކީ ހުރިހާ ފަހަރެއްގައި އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ބައެއް ފަހަރަށް އެމީހެއްގެ ހުނަރާއި ގާބިލު ކަމުން އަދި ހިތްވަރާއެކު ކުރާ ބުރަ މަސައްކަތުން ދުނިޔޭގެ ރެކޯޑް ބައެއް މީހުނަށް ގާއިމް ކުރެވެ އެވެ. ނަމަވެސް މިސްރުގެ މި އާއިލާ ތަފާތެވެ. މި އާއިލާގެ ދެ މީހެއްގެ އަތުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ ފަސް ރެކޯޑެއް އެބައޮތެވެ. އެމީހުންނަށް މި ރެކޯޑް ގާއިމް ކުރެވުނު ކަމުގެ ލިޔުން ވެސް މިހާރު ވަނީ ހަވާލު ކޮށްފަ އެވެ.
މި ފަސް ރެކޯޑް ގާއިމް ކޮށްފައިވާ ދެބެންނަކީ މުހައްމަދު އަދި ހުދާ ޝެހާތާ އެވެ. ދެބެން ވެގެން ހަދާފައިވާ އެއް ރެކޯޑަކީ އެންމެ އިސްކޮޅުން ދިގު ދެބެންގެ ރެކޯޑެވެ. މި ދެ ބެންގެ އިސްކޮޅު އެއްކޮށްލުމުން 414.4 ސެންޓިމީޓަރު (13 ފޫޓު ހަތް އިންޗި) ހުރެ އެވެ. މިއީ ގާތްގަނޑަކަށް ލަންޑަންގައި ދުއްވާ ޑަބަލް ޑެކާ ބަހެއްގެ އުސްމިނެވެ.
މިހާރު އުމުރުން 34 އަހަރު ފުރިފައިވާ މުހައްމަދުގެ އަތުގައިވާ އަނެއް ރެކޯޑަކީ ދެ އަތުގެ ފުޅާމިން އެންމެ ދިގު މީހުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި މިފަދަ މީހާގެ ރެކޯޑެވެ. މުހައްމަދުގެ އަތެއްގައި 12.32 އިންޗި ހުންނައިރު ދެ އަތް ފުޅާކޮށްލާފައި މިން ނެގުމުން 8 ފޫޓު 2.5 އިންޗި ހުރެ އެވެ.
މުހައްމަދުގެ ކޮއްކޮ ހުދާގެ އަތުގައި ގިނިސް ބުކްސް އޮފް ރެކޯޑްސްގެ ތިން ރެކޯޑެއް އެބައޮތެވެ. އެއީ އެންމެ އެންމެ ބޮޑު ފައި ހުރި އަންހެނާގެ ރެކޯޑާއި އެންމެ ބޮޑު އަތް އޮތް އަންހެނާއި ރެކޯޑާއި ދެއަތުގެ ފުޅާމިން އެންމެ ބޮޑު އަންހެންމީހާގެ ރެކޯޑެވެ. ހުދާގެ ކަނާތު ފައިގައި އެއް ފޫޓު 1.02 އިންޗި ހުރެ އެވެ. ވާތުގައި 9.56 އިންޗި ހުރެ އެވެ. އަދި ދެ އަތުގެ ފުޅާ މިނުގައި ހަތް ފޫޓު 8.4 އިންޗި ހުރެ އެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ އެޖުޑިކޭޓާ ކެންޒީ ޑިފްރޯއީ ވަނީ މިސްރުގެ ކްލިނިކެއްގައި މި ދެބެންނާ ބައްދަލުކޮށް އެމީހުންގެ ގައިގައި މިން އަޅައި ބެލުމަށް ފަހު ރެކޯޑުތައް ގާއިމް ކުރެވިފައިވާ ކަމުގެ ލިޔުން ހަވާލު ކޮށްފަ އެވެ. މިކަމުގައި ކެންޒީ އަށް އެހީތެރިކަން ފޯރުކޮށް ދިނީ އެ ކްލިނިކުގެ ޕްރޮފެސާ އޮފް އޯތޯޕީޑިކް ސާޖަރީ ޑރ. ހާލިދު އެމާރާ އާއި އޭނާގެ މެޑިކަލް ސްޓާފުންގެ ތެރޭގައި ހިމެނޭ ދެ ޑޮކްޓަރުންނެވެ
މިސްރުގެ ވެރިރަށް ގާހިރާއާ 90 ކިލޯ މީޓަރު ދުރުގައިވާ ކުޑަ ކުޑަ އަވަށެއްގައި މުހައްމަދާއި ހުދާ ދިރި އުޅެނީ އެމީހުންގެ މަންމައާއެކު ގައެވެ.
މި ދެބެން ވެސް އާދަޔާހިލާފަށް ދިގުވެ ބޮޑުވަމުން ދަނީ އެމީހުންގެ ޕިޓުއޭޓަރީ ގްލޭންޑްސްގައި އުފެދިފައިވާ ކެންސަރު ނޫން ޓިއުމަރެއްގެ ސަބަބުން ގްރޯތު ހޯމޯން މާ ގިނައިން އެމީހުންގެ ހަށީގަނޑުގައި އުފައްދާތީ އެވެ.
ޖެނުއަރީ 1991 ގައި އުފަންވި ހުދާއަކީ ކުޑައިރު ހަމަ އޭނާ ވަރުގެ އާދައިގެ އިސްކޮޅެއް ހުރި ކުއްޖެކެވެ. އޭނާ އިސްކޮޅުން މާ ބޮޑަށް ދިގު ވާން ފެށިކަން ފާހަގަ ކުރެވެން ފެށީ އުމުރުން 12 އަހަރުގަ އެވެ. މުހައްމަދަށް ވެސް ދިމާވީ ހަމަ މިހެންނެވެ. މުހައްމަދު ވެސް ދިގު ވާން ފެށީ 12 އަހަރު ފުރުނު ފަހުންނެވެ. އޭނާގެ އިސްކޮޅުން ދިގު ވަމުން ދިޔަ ވަރަކަށް އަތާއި ފައި ވެސް ފުޅާވަމުން ދިޔަ އެވެ. އަދި ދުނިޔޭގެ ރެކޯޑެއް ހެދޭ ވަރަށް މި ގުނަވަންތައް މިހާރު ވަނީ ބޮޑުވެފަ އެވެ.
ހުދާ އާއި މުހައްމަދުގެ ހެދި ބޮޑުވުމަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ. އެމީހުންގެ ހެދިބޮޑުވުން ހުއްޓަން ސާޖަރީއެއް ހަދަން ޖެހެ އެވެ.