ބޮލީވުޑް

ނީލަމާއެކު "ސުޕަ ޑާންސާ" އަށް ދެވުނު ނަމަ: ޗަންކީ

ޗަންކީ ޕާންޑޭ އާއި ނީލަމް އަކީ 80ގެ އަހަރުތަކުގައި ހިންދީ ފިލްމުތަކުން ފެނުނު އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު ޖޯޑެވެ. "ޕާޕް ކީ ދުނިޔާ"، "އާގް ހީ އާގް"، "ގަރް ކާ ޗިރާގު" ފަދަ ރީތި ގިނަ ފިލްމުތަކެއް މި ދެ ތަރިން އެކުގައި ކުޅެފައި ވެއެވެ.

ސްކްރީނުގައި މި ދެ އެކްޓަރުންގެ ކެމިސްޓްރީ ވަރަށް ފުރިހަމައަށް ހާމަކޮށްދީފައިވާއިރު ޒާތީ ދިރިއުޅުމުގައި ވެސް ޗަންކީ އާއި ނީލަމް އަކީ ވަރަށް ގާތް އެ އެކުވެރިންނެވެ. ދެ ތަރިން އެކުގައި ފިލްމެއް ނުކުޅޭތާ ޒަމާންތަކެއް ވެފައި ވިޔަސް އެމީހުންގެ ގާތް އެކުވެރިކަން އަދިވެސް ކުރިއެކޭ އެއްގޮތަށް އޮވެ އެވެ.

ޗަންކީގެ އަންހެނުން ބާވްނާ އާއި ނީލަމް އަކީ ބެސްޓް ފްރެންޑުންނަށް ވުމީ ވެސް ޗަންކީ އާއި ނީލަމްގެ ގުޅުން ނުކެނޑި އޮންނަން މެދުވެރިވީ ސަބަބެކެވެ. ޗަންކީ ބުނި ގޮތުގައި މިހާރުވެސް ނީލަމް އާއި އޭނާ އެކަކު އަނެކަކުގެ ގެއަށް ޒިޔާރަތްކޮށް އުޅެ އެވެ.

ދާދިފަހުން ނީލަމް ވަނީ ގޯވިންދާ އާއެކު ސޮނީ ޓީވީގެ "ސުޕަ ޑާންސާ ޗެޕްޓާ 4"ގެ ދެ އެޕިސޯޑެއްގައި ބައިވެރިވެފަ އެވެ. ޗަންކީ ބުނި ގޮތުގައި ގޯވިންދާ އާއި ނީލަމް އެކުގައި ސްކްރީނުން ފެނުމުން ޖާދޫއެއް ކަހަލަ ގޮތްތަކެއް ހުރެ އެވެ. ޚުދް އޭނާ ވެސް އެ ޖޯޑު ކުޅެފައިވާ ފިލްމުތައް ބަލާހިތް ވެއެވެ. އަދި "ސުޕަ ޑާންސާ"ގެ އެ އެޕިސޯޑުގައި ވެސް އެ ދެ އެކްޓަރުންގެ ނެށުންތަކާއި ހަރަކާތްތައް ވަރަށް ކަމުދިޔަ ކަމަށް ޗަންކީ ބުންޏެވެ.

"އަހަރެން ހިތަށް އެރި އަހަންނަށް ވެސް އެ ޝޯގައި އެމީހުންނާއެކު ބައިވެރި ވެވުނު ނަމައޭ. އަހަރުމެން ތި މީހުން ވަރަށް ރަނގަޅު ލަވް ޓްރޭންގަލް އެއް ދައްކާލެވުނީސް އެހެން ވީނަމަ،" ޗަންކީ ބުންޏެވެ.

ޗަންކީ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ފިލްމަކީ ވެސް ނީލަމް އާއެކު ކުޅުނު ފިލްމެކެވެ. އެ ފިލްމު ކުޅުނުއިރުވެސް ނީލަމްގެ ގިނަ ފިލްމުތަކެއް ވަނީ ނުކުމެފަ އެވެ. އަދި އޭނާ އާއި އެ އުމުރުގެ ގިނަ ޒުވާނުންނަށް އޭރު ނީލަމް ވަރެއް ނޯވެ އެވެ. އެހެންވެ ނީލަމް އާއެކު ފިލްމެއް ކުޅެން ލިބުން ވީ ވަރަށް އުފާވެރި ކަމަކަށް ކަމަށް ވެސް ޗަންކީ ބުންޏެވެ.

ޗަންކީ އަށް ނޫނަސް ހިންދީ ފިލްމު ބަލާ ވަރަށް ގިނަ މީހުންނަށް ޗަންކީ އާއި ނީލަމްގެ ޖޯޑު އެ ދުވަސްވަރު ވަރަށް ކަމުދިޔަ އެވެ.