ދުނިޔެ

އީރާންގެ އިންތިހާބުގައި ވޯޓްލާން ފަށައިފި

އިރާންގެ ރިޔާސީ އިންތިހާބުގެ ވޯޓް ފަށައި ކުރިއަށް އެބަދެ އެވެ. ރައީސް ކަމުގައި މިހާރު ހުންނެވި ހަސަން ރޫހާނީއަށް ފަހު ގައުމާ ހަވާލުވެ ވަޑައިގަންނަވާނެ ބޭފުޅަކު އީރާންގައި މިހާރު ކުރިއަށްދާ ރައްޔިތުން ވޯޓުން ކަނޑައަޅާނެ އެވެ.

ވޯޓުލާ ސެންޓަރުތައް ހުޅުވާފައި ވަނީ ފަތިހު 4:00 ޖެހިއިރު އެވެ. އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައި އޮތް ގޮތުން މިރޭގެ މެންދަމާ ޖެހެންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ. އީރާންގެ އާބާދީގައި ހިމެނޭ 84.51 މިލިއަން މީހުންގެ ތެރެއިން ވޯޓްލާން ރެޖިސްޓަރީވެފައި ވަނީ 59.3 މިލިއަން މީހުނެވެ.

އީރާންގައި ވޯޓްލާން ފުރުސަތު މިއަދު ހެނދުނު ހުޅުވާލުމާއެކު އެންމެ ފުރަތަމަ ވޯޓްލައްވާފައި ވަނީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އެވެ. ހާމަނާއީ ޓްވީޓާގައި ވިދާޅުވަފައި ވަނީ އަންނަ ޖީލުތަކަށް ގައުމުގެ މުސްތަގުބަލު މިއަދު ކަނޑައެޅޭނެ ކަމަށެވެ. އަދި ގައުމުގެ ހާލަތު ދެމި އޮންނާނީ މިއަދު ތިބި ބަޔަކު އަމަލުކުރި ގޮތެއްގެ މަތީގައި ކަމަށެވެ.

އީރާންގައި ރައީސް ކަމަށް 600 އެއްހާ ކެންޑިޑޭޓުން ޝައުގުވެރިވި އެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް މަޝްވަރާ މަޖިލީހުން ރުހުން ދިނީ ހަތް ކެނޑިޑޭޓަކަށެވެ. މިހަތް ކެނޑިޑޭޓުން މެދުގައި ބަހުސް ކުރެވި ވާދަވެރިކަން އޮތީ ބޮޑުވެފަ އެވެ. އެހެން ނަމަވެސް ހަތަރު ކެނޑިޑޭޓަކު ފިޔަވައި ދެން ތިބި ކެނޑިޑޭޓުންނަށް މާބޮޑު އުންމީދެއް އޮތް ކަމަކަށް މަޝްރަހު ދިރާސާ ކުރާ މީހުނެއް ނުބުނެ އެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ފޯރި ގަދަވާނެ ކަމަށް މިހާރު ބެލެވެނީ ހަތަރު ބޭފުޅެއްގެ މެދުގައި އެވެ. އެއީ އިބްރާހީމް ރައީސީ އާއި އަބްދުދުއްނާސިރު ހިންމަތީ އާއި މުހުސިން ރިޒާއި އަދި އާމިރު ހުސެން ގާޒިޒާދޭ ހާޝީމީ އެވެ. މި ހަތުރު ބޭފުޅުންގެ ތެރެއިން ވެސް އާންމުގެ ބޮޑު ތާއީދެއް ލިބިވަޑައިގެންފައި ވަނީ އިބްރާހީމް ރައީސީ އަށެވެ.