ދުނިޔެ

ގަތަރުގެ އަމީރު އީރާންގެ އާރައީސަށް ގުޅުއްވައިފި

އީރާންގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހީމް ރައީސީއަށް ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އައްސާނީ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވުމާއެކު މަޝްވަރާތައް ކުރައްވައިފި އެވެ. މިއީ ރައީސީ ހޮވިވަޑައިގެންނެވި ފަހުން މި ދެބޭފުޅުން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.

އީރާންގައި މިދާކަށް ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސީ ކާމިޔާބު ހޯއްދެވީ 62 ޕަސެންޓްގެ ވޯޓުންނެވެ. ހަބަރުތައް ބުނާ ގޮތުން އީރާންގެ ތާރީހުގައި ވެސް އެންމެ މަދުން ވޯޓްލާން މީހުން ނުކުތީ މިފަހަރެވެ. މިކަމުގައި ގިނަ ސަބަބުތަކެއް ހުރި ނަމަވެސް ވޯޓުލުން ދިމާވެފައި ވަނީ ކޮވިޑްގެ ހާލަތާ އެވެ.

ގަތަރު ނިއުސް އޭޖެންސީން ބުނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަރަހައްދީ މައްސަލަތަކާ މެދު ވެސް ވާހަކަ ދެއްކެވި ކަމަށެވެ. ސަރަހައްދީ މަސްލަހަތަށް ދެ ގައުމު އެކުގައި އެއްބާރުލުން ދިނުމާ މެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް ގަތަރު ނިއުސް އޭޖެންސީން ބުނެ އެވެ.

ގަތަރާ އީރާނަކީ ވަރަށް ގާތް ދެ ގައުމެވެ. މިއީ މެދުއިރުމަތީ އަރަބި އެހެން ގައުމުތަކުން އަމަލުކުރާ ގޮތެއް ނޫނެވެ. އަނެއްކޮޅުން ގަތަރުން އީރާނާއެކު ގުޅުން ގާތް ކުރުމަކީ ސައޫދީއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރަށް ވެސް އުނދަގޫވާ ކަމެކެވެ.

ގަލްފަު ގައުމުތަކުން ދެކޭ ގޮތުގައި އީރާންގެ ސަބަބުން ސަރަހައްދީ މައްސަލަތައް ވަނީ އިތުރުވެ. އެއީ ޕްރޮކްސީތައް ބޭނުން ކޮށްގެން އީރާންގެ ޝައުުވެރިކަން ސަރަހައްދަށް ފަތުރާތީ އެވެ. ސައޫދީއަށް ހަމަލާ ދިނުމާއި އީރާގަށް ހަމަލާ ދިނުމުގައި ވެސް ހަނގުރާމަވެރި ގުރޫޕްތަކަށް އީރާނުން މަދަދުވެރިވެ އެވެ.

ގަތަރާއެކު ގަލްފު ގައުމުތަކުން އޮންނަ ގުޅުން ރަނގަޅު ކުރަމުން އަންނައިރު ވެސް ގަތަރުގެ ވިސްނުން މާބޮޑަށް އީރާނަށް ފޯކަސްކުރާ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް މަސްލަހަތު އެންމެ ރަނގަޅު ގޮތަށް މަޝްވަރާތައް ބައްޓަންކުރަން ގަތަރުން ވެސް ބޭނުންވެ އެވެ.