އިރާންގެ ރައީސް ކަމުގައި މިހާރު ހުންނެވި ހަސަން ރޫހާނީއަށް ފަހު ގައުމާ ހަވާލުވެ ވަޑައިގަންނަވާނެ ބޭފުޅަކު އީރާން ރައްޔިތުން ކަނޑައަޅައިފި އެވެ.
ހުކުރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަތް ކެނޑިޑޭޓުންގެ ތެރެއިން އިބްރާހީމް ރައިސީ 81، ވަނީ ވާދަވެރިންގެ މައްޗަށް ފަރަގު ބޮޑު ކާމިޔާބެއް ހޯއްދަވާފަ އެވެ.
އީރާންގެ އާބާދީގައި ހިމެނޭ 84.51 މިލިއަން މީހުންގެ ތެރެއިން ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވަނީ 59.3 މިލިއަން މީހުންނެވެ. އެހެން ނަމަވެސް ވޯޓުލާން ނިކުތް ޖުމުލަ އަދަދު އަދި ކަށަވަރެއް ނުވެ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 28.6 މިލިއަން މީހުން ވޯޓްލާފައިވެ އެވެ. އޭގެ ތެރެއިން ރައިސީ އަށް 17.8 މިލިއަން ވޯޓް ލިބިވަޑައިގެންފައިވެ އެވެ. އެއީ އެހާތަނަށް ގުނާފައި ހުރި ވޯޓުގެ 62 ޕަސެންޓެވެ.
އިންތިހާބުގައި ދެން ވާދަކުރެއްވި މުހުސިން ރިޒާއި އަށް 3.3 މިލިއަން ވޯޓު ލިބިވަޑައިގެންފައިވެ އެވެ. އަބްދުދުއްނާސިރު ހިންމަތީ އަށް 2.4 މިލިއަން ވޯޓު އަދި އާމިރު ހުސެން ގާޒިޒާދޭ ހާޝީމީ އަށް އެއް މިލިއަން ވޯޓު ލިބިވަޑައިގެންފައިވެ އެވެ.
އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާއާ ހަމައަށް ނުދެވިގެން އުޅެނިކޮށް ރައިސީ ވަނީ ކާމިޔާބު އިއުލާންކުރައްވާފަ އެވެ. އަދި ވާދަކުރެއްވި ކެނޑިޑޭޓުން ވެސް ވަނީ ނަތީޖާ ގަބޫލުކުރައްވައި ރައިސީ އަށް އިހުތިރާމް އަދާކޮށް މަރުހަބާ ދަންނަވާފަ އެވެ.
އީރާންގައި ރައީސް ކަމަށް 600 އެއްހާ ކެންޑިޑޭޓުން ފޯމް ހުށަހެޅި އެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ. އެހެންނަމަވެސް މަޝްވަރާ މަޖިލީހުން ރުހުން ދިނީ ހަތް ކެނޑިޑޭޓަކަށެވެ.
މިހާރު ވެރިކަމުގައި ހުންނެވި ހަސަން ރޫހާނީ އޯގަސްޓް މަސް ހިނގައިގަންނަންދެން މަގާމުގައި ދެމިހުންނަވާނެ އެވެ. އިބްރާހިމް ރައިސީ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އެއަށް ފަހު އެވެ.