ދުނިޔެ

އީރާނުގެ ޖޫޑިޝަރީއަށް އާ ވެރިއެއް

އީރާންގެ ރޫހީ ލީޑަރު އަލީ ހާމަނާއީ އެ ގައުމުގެ ޖޫޑިޝަރީއަށް އާ ވެރިއަކު ހަމަޖައްސަވައިފި އެވެ. ޖޫޑީޝަރީ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ރައީސީ، އީރާންގައި މިއަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވަނީ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފަ އެވެ. ޖޫޑިޝަރީ ހަވާލު ކުރެއްވީ މުހުސިން އަޖީއާ އެވެ.

މުހުސިން އަޖީ ކުރިން ހުންނެވީ ޖޫޑިޝަރީގެ ދެވަނަ ވެރިޔާގެ މަގާމުގަ އެވެ. އޭނާ ވަނީ އީރާންގެ ޖޫޑިޝަރީގައި ތަފާތު އެތައް މަގާމުތަކެއް ފުރުއްވާފަ އެވެ.

އީރާންގައި ކުރިން ވެރިކަން ކުރެއްވި އަހުމަދީ ނިޖާދުގެ ވެރިކަމުގައި އިންޓެލިޖެންސް މިނިސްޓަރަކީ ވެސް މުހުސިން އަޖީ އެެވެ. އޭނާ ވަނީ ޝޫރާ ކައުންސިލާއި ގާނޫން ހަދާ މަޖިލީހާ ދެމެދު އުފެދޭ ހިލާފުތައް ރޫހީ ލީޑަރަށް ތަރުޖަމާ ކޮށްދޭ ކޮމެޓީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

އަލީ ޚާމަނާއީ މަސްއޫލިއްޔަތު ހަވާލު ކުރައްވަމުން އަޖީއަށް އިތުބާރު އޮތް ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލު ވެގެން ދާއިރު ގާނޫނާއި ހުކުމްތައް ފުށުނާރާ ގޮތަށް ވާޖިބުތައް ހަވާލު ކުރައްވައި އީރާންގައި ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ދެންނެވި އެވެ.

އަލީ ޚާމާނާއީ އިބްރާހީމް ރައިސީއަށް ވެސް ވަރަށް ތައުރީފު ކުރެއްވި އެވެ. ހާމަނާއީ ވިދާޅުވީ އޯގަސްޓް ފަހެއްގައި މަގާމާ ހަވާލުވެ ވަޑައިގަންނަވާއިރު އީރާންގެ ރައްޔިތުން އިތުބާރު ކުރައްވާ ރައީސަކަށް ވެވަޑައިގަތުން ލާޒިމު ކަމަށެވެ.