ކުޅިވަރު

ދެމެޗުން މޮޅުވެ ބްރެޒިލް އެއްވަނައިގަ ހަމަޖެހިލައިފި

ކޮޕަ އެމެރިކާ 2021 ގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ވަރުގަދަ ބްރެޒިލް ގްރޫޕް އޭގެ އެއް ވަަނައިގައި ހަމަޖެހިލައިފި އެވެ.

ބްރެޒިލްގެ އޮލިމްޕިކް ސްޓޭޑިއަމް ގައި ޕެރޫ އާއި ދެކޮޅަށް މިއަދު ފަތިހު ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ބްރެޒިލް އަށް ލީޑު ނަގައިދިނީ ގެބްރިއަލް ޖީސުސް ދިން ޕާހަކުން އެލެކްސް ސެންޑްރޯ އެވެ. ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި 1-0 އިންނެވެ.

ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ބްރެޒިލްގެ ލެޖެންޑު ނޭމާ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްދިނެވެ. ބާކީ ދެ ގޯލު ޖެހީ މެޗުގެ ފަހު ވަގުތުގައި ރިބެއިރޯ އާއި ރިޗާލްސަން އެވެ.

ފޯރި ގަދަ މި މެޗުގައި ދެ ޓީމުން ވެސް ގިނަ ފައުލު ތަކެއް ކޮށްފައިވެ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނީ ބްރެޒިލް އެވެ. އެގޮތުން ޕެރޫގެ ގޯލަށް ބްރެޒިލް އިން 17 ހަމަލަ ފޮނުވާލާފައިވެ އެވެ.

ކޮޕަ އެމެރިކާ ގައި ބްރެޒިލް ކުޅުނު ދެ މެޗުން ވެސް ވަނީ ތަފާތު ބޮޑު ނަތީ އަކުން މޮޅުވެފަ އެވެ. އަދި ބްރެޒިލްގެ ތަރި ނޭމާގެ ފަރާތުން މި މުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ފެނިފައިވެ އެވެ. މުޅި ބްރެޒިލް ޓީމުގެ ފަރާތުންވެސް މި މުބާރާތުގައި ފެނިގެންދަނީ މިފަހަކުން ނުފެންނަހާ މޮޅު ކުޅުމެކެވެ.

މި ގްރޫޕުގައި ރޭ ދެން ކުޅުނު ކޮލަމްބިއާ އާއި ވެނިޒުއެލާ ވަނީ ގޯލެއް ނުޖެހި އެއްވަރު ވެފަ އެވެ. ނަމަވެސް ކޮލަމްބިއާއިން ވަނީ ވެނިޒުއޭލާގެ ގޯލަށް 23 ހަމަލާ ފޮނުވާލާފަ އެވެ.

މިއާއެކު މިހާރު ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާއި އެކު އޮތީ ބްރެޒިލް އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާއި އެކު ކޮލަމްބިއާ އޮތް އިރު، ތިން ވަނައިގައި ވެނިޒުއެލާ އޮތީ އެއް ޕޮއިންޓު ލިބިގެންނެވެ. އަދި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، އެކުއާޑޯ އާއި ޕެރޫ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެކުއާޑޑޯ ހަތަރު ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.